ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިބަހުގެ އެކެޑަމީން ހުޅުވާލައިފި އެވެ.
އެ އެކެޑަމީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، 2023 ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި ކަނޑައަޅައިފައިވާ "އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތް" ގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.
މި މުބާރާތް އޮންނާނީ އަންނަ ފެބުރުވަރީ 12އިން ފެށިގެންނެވެ. މުބާރާތުގެ ދާއިރާތަކުން ވާހަކަދައްކާނެ މައުޟޫޢުތައް މުބާރާތް ފެށުމުގެ މަދުވެގެން 7 ދުވަސް ކުރިން އެކެޑަމީގެ ވެބްސައިޓުގައި ޝާއިރު ކުރާނެއެވެ.
މި މުބާރާތް ބެހިފައިވަނީ 4 ބަޔަކަށެވެ. އެގޮތުން އިސްކޫލުތަކުގެ ބައި ތިން ބަޔަކަށް ބެހިފައިވާއިރު އެެއީ، ދަށު ސާނަވީ ގިންތި (ކީ ސްޓޭޖް 3)، ސާނަވީ ގިންތި (ކީ ސްޓޭޖް 4) އަދި މަތީ ސާނަވީ ގިންތި (ކީ ސްޓޭޖް 5) އެވެ. މަތީ ތަޢުލީމުގެ ބައި ހުޅުވާލާފައިވަނީ، ޔުނިވަރސިޓީ، ކޮލެޖު، އިންސްޓިޓިއުޓް، އެކެޑަމީ ތަކަށެވެ. އަމިއްލަފަރާތްތަކުގެ ބައި ހުޅުވާލާފައިވަނީ، 18 އަހަރުން ދަށުގެ އުމުރުފުރާ، 18 އަހަރުން މަތީގެ އުމުރުފުރާ އަށެވެ. މީގެ އިތުރުން، އޮފީސް، ކުންފުނި، ކުލަބު، ޖަމުޢިއްޔާ، ޖަމާޢަތްތަކުގެ ބައެއްވެސް ހިމެނެއެވެ.
އެ އެކެޑަމީން މަޢުލޫމާތު ދީފައިވާގޮތުގައި، މި މުބާރާތުގެ މަތީ ތަޢުލީމުގެ ބަޔާއި އޮފީސް، ކުންފުނި، ކުލަބު، ޖަމުޢިއްޔާ، ޖަމާޢަތްތަކުގެ ބަޔަށް އޮންނާނީ ބަހުސެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް އެދި، ފޯމު ފުރިހަމަކުރުމަށް ފަހު އަންނަ ފެބުރުވަރީ ދެވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށައަޅަންޖެހެއެވެ.
މި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް މެއިލްކުރައްވާނީ vaahakadhekkun@dhivehiacademy.edu.mv އަށެވެ. މި މުބާރާތުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމާއި މުބާރާތާ ގުޅުންހުރި އެހެނިހެން ލިޔެކިޔުންތައް އެ އެކެޑަމީންނާއި އެ އެކެޑަމީގެ ވެބްސައިޓް www.dhivehiacademy.edu.mvން ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު އެ އެކެޑަމީގެ ނަންބަރު 7986230 ން ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!