ހދ. އަތޮޅު ކައުންސިލުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި، ކުމުންދޫ ކައުންސިލްގެ ރައީސް، އަމީން މުހައްމަދު ހދ. އަތޮޅު ކައުންސިލުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައި އަމީން ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ހދ. އަތޮޅު ކައުންސިލުގެ ނައިބު ރައީސްގެ މަގާމުން މި ޖެނުއަރީ 12 ވަނަ ދުވަހުން ފެށިގެން އިސްތިއުފާ ދިނުމަށް ހުށަހަޅާ ކަމަށެވެ.

Ad
rt

އަމީން ވިދާޅުވެފައި ވަނީ އޭނާ އެ މަގާމުން އިސްތިއުފާ ދެއްވިނަމަވެސް، އޭނާގެ ފުރިހަމަ އެއްބާރުލުން އަތޮޅު ކައުންސިލަށް ލިބެމުންދާނެ ކަމަށެވެ.

މީގެ އިތުރުން ވޭތުވެދިޔަ މުއްދަތުގައި އަތޮޅު ކައުންސިލުގެ މެމްބަރުންނާއި މުވައްޒަފުން އޭނާއަށް ދެއްވި ފުރިހަމަ އެއްބާރުލުމަށް އަމީން ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ދ. އަތޮޅު ކައުންސިލްގެ ރައީސް ކަމުގެ މަގާމަށް އަމީން ހޮވާފައި ވަނީ 1 ޖުލައި 2021 ގައެވެ. ދިވެހިރައްރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ނިސްބަތްވެވަޑައިގަންނަވާ އަމީންއާއި އެ އިންތިޚާބުގައި ވާދަކުރެއްވީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަށް ނިސްބަތްވެވަޑައިގަންނަވާ ކުރިނބީ ކައުންސިލް ރައީސް ޢަބުދުﷲ އަސްލަމެވެ.

ކުމުންދޫ ކައުންސިލްގެ ރައީސްގެ މަގާމު ޖެހިޖެހިގެން 3 ވަނަ ދައުރު އަދާކުރައްވަމުން ގެންދަވާ އަމީނަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އަދި އަމީން ގެންދަވަނީ އެ ކެމްޕެއިންގައި ވަރަށް ހަރަކާތްތެރިކަމާއެކު މަސައްކަތް ކުރައްވަމުންނެވެ.