ސްޕެނިޝް ސްޕަރ ކަޕް ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރޭ ބާސެލޯނާއާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ބާސާ ޖާގަ ހޯދައިފިއެވެ.
ރޭ ސައުދީ އަރަބިއްޔާގެ ގިންގް ފަހުދު ސްޓޭޑިއަމްގައި ކުޅުނު މެޗު ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނެތީޖާއިން އެއްވަރު ވެފައެވެ. މެޗުން ބާސާ މޮޅުވީ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-2 އިން ކުރި ހޯދައިގެންނެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ބާސާއިންނެވެ. މި ލަނޑު 40 ވަނަ މިނެޓުގައި ޑެމްބެލޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލެވަންޑޯސްކީއެވެ.
ބެޓިސް އިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 77 ވަނަ މިނެޓުގައި ލުއިޒް އެންރީކޭ ބާސާގެ އޭރިއާ ތެރެއިން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ނަބީލް ފެކީރީ ކާމިޔާބު ކުރި ލަނޑުންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ ދެ ހާފަ ކުޅުނުއިރު، ބާސާއިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައި ވަނީ އިތުރު ވަގުތުގެ ފުރަތަމަ ހާފު ފެށިތާ ތިންވަނަ މިނެޓުގައި އަންސޫ ފާޓީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ނަމަވެސް ބެޓިސްއިން ވަނީ އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑު ޖަހައި ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ ލޮރެން މޮރޮންއެވެ.
ޕެނަލްޓީ ޝޫޓް އައުޓްގައި ބާސާއިން ފޮނުވާލި ހަތަރު ޕެނަލްޓީ ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. ބާސާގެ ޕެނަލްޓީތައް ޖަހާފައި ވަނީ ޕެޑްރީ، އަންސޫ ފާޓީ، ފްރޭން ކެސިއޭ އަދި ލެވަންޑޯސްކީއެވެ.
ބެޓިސް އިން ފޮނުވާލި ހަތަރު ޕެންލްޓީގެ ތެރެއިން ދެ ޕެނަލްޓީ ކާމިޔާބު ކުރެވުނު އިރު ދެ ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފައެވެ. ބެޓިސްގެ ޕެނަލްޓީތައް ކާމިޔާބު ކޮށްދީފައި ވަނީ ވިލިއަން ޖޯސް އަދި ލޮރެން މޮރޮންއެވެ. ނާކާމިޔާބުވީ ހުއާންމީއާއި ވިލިއަމް ކަވާލިއޯ ފޮނުވާލި ޕެނަލްޓީއެވެ.
ސްޕެނިޝް ސްޕަރ ކަޕް ފައިނަލުގައި ބާސެލޯނާ ނުކުންނާނީ ވާދަވެރި ރެއާލް މެޑްރިޑާއި ދެކޮޅަށެވެ. މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 00:00 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!