މިއަހަރު ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާ ކުރާ އަދަދަކީ ފިނޭންސް މިނިސްޓްރީއާއި، މަރުކަޒީ ބޭންކް (އެމްއެމްއޭ) އަށްވުރެ މަތީ އަދަދެއް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ވޯލްޑް ބޭންކުން އިއްޔެ ޝާއިއުކުރި ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސްގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މިއަހަރު އެންމެ ހަލުވިކޮށް ކުރިއަރައިގެން ދާނީ ރާއްޖޭގެ އިގްތިސޯދު ކަމަށް ބުނެފައިވާތީ އެކަމަށް އިޝާރާތް ކުރައްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ވާލްޑް ބޭންކުން އެ ރިޕޯޓްގައި 2022 ވަނަ އަހަރަށް ލަފާކުރި އިގުތިސާދީ ދުވެލި ވަނީ %7.6 އިން %12.4 އަށް މަތިކޮށްފައިކަމަށެވެ. ވޯލްޑް ބޭންކުން މިގޮތަށް އަންދާޒާކޮށްފައި ވަނީ، ކުރިން ލަފާކުރި މިންވަރަށްވުރެ ބާރަށް ރާއްޖޭގެ އިގުތިސާދު، ކޯވިޑް-19 ގެ ހާލަތުން އަރައިގަނެފައިވުމުން ކަމަށް ވެސް އަމީރު ވިދާޅުވެފަ ވެއެވެ.
''2023 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދީ ދުވެލީގެ ފޯކާސްޓް ވަނީ %8.2 އަށް ލަފާކޮށްފައި. މިއަންދާޒާތަކަކީ ފިނޭންސް މިނިސްޓްރީ އާއި އެމްއެމްއޭގެ އަންދާޒާތަކަށް ވުރެވެސް މަތީ އަދަދެއް، މުޅި މި ސަރަހައްދުގައިވެސް 2023 އެންމެ ބާރަށް ކުރިއަރާނެކަމަށް ބެލެވޭ ގައުމަކީ ދިވެހިރާއްޖެކަމަށް އެރިޕޯޓުގައި ފާހަގަކޮށްފައިވޭ'' އަމީރު ވިދާޅުވެފަވެއެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުގައި މިއަހަރު ރާއްޖޭގެ އިގްތިސޯދު 8.2 އިންސައްތަ އިން ކުރި އަރާނެ އެވެ. މިއީ މިއަހަރު ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި އިންސައްތައަށް ވުރެ ދަށް އަދަދެއް ނަމަވެސް ރާއްޖޭގެ އިގްތިސޯދަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މިއަހަރު އެންމެ ކުރި އަރާނެ އިގްތިސޯދު ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!