ޖިއޮގްރަފިކް ތަންތަނަށް ނަންކިޔާނެ އުސޫލެއް މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން އެކުލަވާލައިފި އެވެ.
މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން އިއްޔެ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަށްވާފައިވާ މި އުސޫލުގައި ބުނެފައިވަނީ އެ އުސޫލަކީ އޮގްރަފިކް ތަންތަނުގެ ތެރެއިން، ވަކި ނަމެއް ކިޔުމަށް ބޭނުންވާ ތަންތަނަށް ނަން ކިޔުމާއި، އަލަށް އުފައްދާ ތަންތަނަށް ނަން ކިޔުމާއި، ވަކިތަނަކަށް ދީފައިވާ ނަމެއް ނުވަތަ އާންމުކޮށް ބޭނުން ކުރަމުންދާ ނަމެއް ރަސްމީކޮށް އެތަނަކަށް ކިޔުމަށް ނުވަތަ ބޭނުންކުރަމުންދާ ނަމެއް ބަދަލު ކުރުމުގައި ޢަމަލުކުރާނެ ގޮތްބަޔާންކުރާ އުސޫލު ކަމަށެވެ.
މި އުސޫލުގައި ވަނީ ޖިއޮގްރަފިކް ތަންތަނަށް ނަން ކިޔުމަށް ނަން ފާސްކުރުމަށް ބަލާނެ މިންގަނޑުތައް ކަނޑައެޅުމާއި، ނަން ކިޔުމުގައި ބޭނުންކުރާނެ ހަމަތަކާއި އިޖުރާއަތްތައް ބަޔާންކޮށްފައެވެ.
މި އުސޫލުގެ ދަށުން ނަން ކިއިދާނެ ފަސް ތަނެއް އުސޫލުގައި ބަޔާންކޮށްފަވެއެވެ. އެ ތަންތަނަކީ:
- ވަކި ނަމެއް ކިޔުމަށް ބޭނުންވާ ތަންތަން
- އަލަށް އުފައްދާ ތަންތަން
- ވަކިނަމެއް ކިޔާފައިނުވާ ތަންތަން
- އެތަނަކަށް އާންމުކޮށް ކިޔާނަމެއް ރަސްމީކޮށް ކިޔަން ބޭނުންވާ ކޮންމެތަނެއް
- ދީފައިވާ ނަން ބަދަލުކުރާން ބޭނުންވާ ތަންތަން
މި އުސޫލުގައި ބުނެފައިވަނީ މި އުސޫލުގެ ދަށުން ނަން ކިއިދާނެ ފަސް ތަނެއް އުސޫލުގައި ބަޔާންކޮށްފައި އޮތް ނަމަވެސް ވަކިތަނަކަށް ދީފައިވާނަމެއް ބަދަލުކުރަން ބޭނުންނަމަ، މި އުސޫލުގެ ދަށުން އެނަމެއް ބަދަލުކުރެވިދާނެ ކަމަށެވެ.
މި އުސޫލުގެ ދަށުން ނަން ކިޔުމަށް ހުށަހަޅަންޖެހެނީ މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން އެކަމަށް ޚާއްޞަކޮށްފައިވާ ފޯމު މެދުވެރިކޮށެވެ. މިގޮތަށް ހުށަހަޅާއިރު ދައުލަތުގެ އިދާރާއެއް ނަމަ ހުށަހަޅަންޖެހެނީ އެ އިދާރާއަކުންނެވެ. އެފަދަ ހުށަހެޅުމެއް ހުށަހަޅަނީ އަމިއްލަފަރާތަކުން، ޖަމިއްޔާއަކުން ނުވަތަ ކުންފުންޏަކުންނަމަ އެ ހުށަހެޅުމެއް ހުށަހަޅަންޖެހެނީ ކަމާބެހޭ ވުޒާރާ މެދުވެރިކޮށެވެ.
މި އުސޫލުގައި ބުނެފައިވާ ގޮތުން ރަށަކަށް ނުވަތަ ފަޅަކަށް ކިޔާފައިވާ ނަމެއް ބަދަލުކުރުމަށް ނުވަތަ އެނަމަށް ބަދަލު ގެނައުމަށް ހުށަހަޅަންޖެހޭނީ ދައުލަތުގެ އިދާރާ އަކަށް ނުވަތަ އެތަން ކުއްޔައް ހިފާފައިވާ ފަރާތް ނޫނީ އެތަނެއް ހަވާލުކޮށްފައިވާ ފަރާތަކަށެވެ.
ސަރުކާރުގެ އިދާރާއެއް ފިޔަވައި އެހެން ފަރާތަކުން ރަށަކަށް ނަންކިޔުމަށް އެދޭނަމަ އެ ރަށަކީ އެފަރާތަކުން ހިއްކާފައިވާ ރަށަކަށް ވާންޖެހޭނެ އެވެ. ނަންކިޔުމަށް ނުވަތަ ނަން ބަދަލުކުރުމަށް ހުށަހަޅާ ފަރާތްތަކުން އެތަނަށް ކިޔުމަށް އެދޭ ނަމެއް ނުވަތަ ނަންތަކެއް ހުށަހަޅަންޖެހޭނެ އެވެ.
މި އުސޫލުގެ ދަށުން ނަން ފާސް ކުރުމުގައި ބަލާނީ އެ ނަމަކީ ދިވެހި ބަހުން ކިޔާ ނަމަކަށްވުމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކަށާއި އަހުލާގީ މިންގަނޑުތަކަށް ފެތޭ ނަމެއްކަމަށް ވުމާއި، އެހެންތަނަކަށް ކިޔާފައިވާ ނަމަކަށް ނުވުމާއި، މީހަކަށް ކިޔާނަމެއް ނުވަތަ އެހެން ތަނަކަށް ކިޔާނަމަކަށްނުވުމާއި، އަދި ކިޔަން ފަސޭހަ ރީތި ސާދާ ނަމަކަށްވުމެވެ.
މި އުސޫލުގެ ދަށުން ނަމެއް ކިޔުމަށް ނުވަތަ ނަމަކަށް ބަދަލުގެނައުމަށް ނިންމާނީ މި އުސޫލުގައި ބުނާ ޖިއޮގްރަފިކް ތަންތަކާބެހޭ ކޮމެޓީންނެވެ. މި ކޮމެޓީ އެކުލެވިގެންވަނީ ނުވަ މެންބަރުންގެ މައްޗަށެވެ. މިގޮތުން މިކޮމެޓީ އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅާ ބޭފުޅެއް، މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީއިން ކަނޑައަޅާ ބޭފުޅެއް، ދިވެހި ބަހުގެ އެކަޑަމީ އިން ކަނޑައަޅާ ބޭފުޅެއް، މިނިސްޓްރީ އޮފް ޓޫރިޒަމް އިން ކަނޑައަޅާ ބޭފުޅެއް، ފިޝަރީޒް މިނިސްޓްރީ އިން ކަނޑައަޅާ ބޭފުޅެއް، އެންވަޔަރަންމަންޓް މިނިސްޓްރީ އިން ކަނަޑައަޅާ ބޭފުޅެއް، ޕްލޭނިން މިނިސްޓްރީ އިން ކަނޑައަޅާ ބޭފުޅެއް އަދި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ އިން ކަނޑައަޅާ ބޭފުޅެއްގެ މައްޗަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!