ސްޕެނިޝް ސްޕަރ ކަޕްގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ވެލެންސިއާ އަތުން މޮޅުވެ މުބާރާތުގެ ފައިނަލުން ރެއާލް މެޑްރިޑް ޖާގަ ހޯދައިފިއެވެ.
ރޭ ސައުދީ އެރެބިއާގެ ކިންގް ފަހުދު ސްޓޭޑިއަމްގައި ވެލެންސިއާއާއި ރެއާލް ބައްދަލުކުރި މެޗު ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ދެ ހާފު ކުޅެ ނިމުނު އިރު ވެސް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ރެއާލް މެޗުން މޮޅުވެފައި ވަނީ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-3 ގެ ނަތީޖާއިން ވެލެންސިއާގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ސްޕެނިޝް ސްޕަރ ކަޕަކީ 1982 ވަނަ އަހަރުން ފަށައިގެން ލަލީގާގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމާއި ސްޕެނިޝް ކަޕްގެ ޗެމްޕިއަނުންގެ މެދުގައި ކުޅެމުން އައި މެޗެކެވެ. ނަމަވެސް ސްޕަރ ކަޕް ފޯމޭޝަން ބަދަލުކޮށް ހަތަރު ޓީމްގެ މެދެގައި ކުޅޭ ކުރު މުބާރާތެއް ގޮތަށް ބަދަލު ކޮށްފައި ވަނީ 2019-20 ސީޒަންގައެވެ. އޭގެ ފަހުން މި މުބާރާތުން ފުރުޞަތު ދެމުން އަންނަނީ ލަލީގާގެ އެންމެ ފަހުގެ ޗެމްޕިއަނާއި ރަނަރަޕް އަދި ސްޕެނިޝް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނާއި ރަނަރަޕް ޓީމަށެވެ. މި އަހަރުގެ ސްޕަރ ކަޕް މުބާރާތުގެ މެޗުތައް ކުޅެނީ ސައުދީ އެރެބިއާގައެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ރެއާލް މެޑްރިޑެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ރެއާލުންނެވެ. މެޗުގެ 38 ވަނަ މިނެޓުގައި ވެލެންސިއާގެ ޑިފެންޑަރ ކޮމާޓް ރެއާލްގެ ކެޕްޓަން ކަރިމް ބެންޒެމާއަށް ވެލެންސިއާގެ އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީން މި ލަނޑު ކާމިޔާބު ކޮށްދިނީ ވެސް ބެންޒެމާއެވެ.
މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ވެލެންސިއާއިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ލަޓޯ ޓޯނީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލިނޯއެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ރެއާލުން ފޮނުވާލި ހަތަރު ޕެނަލްޓީއެއް ވަނީ ކާމިޔާބު ކޮށްފައެވެ. ރެއާލަށް ޕެނަލްޓީ ޖަހައިދީފައި ވަނީ ބެންޒެމާ، މޮޑްރިޗް، ކްރޫސް، އަދި އެސެންސިއޯއެވެ.
ވެލެންސިއާއިން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ނާކާމިޔާބުވެފައި ވާއިރު، އެ ޓީމްގެ ކޮމާޓް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިންނެވެ. ދެން ވެލެންސިއާގެ ޕެނަލްޓީ މިސް ކޮށްލާފައި ވަނީ ޖޯސް ގަޔާއެވެ. ގަޔާ ފޮނުވާލި ޕެނަލްޓީ ރެއާލްގެ ކީޕަރ ކޯޓުއާ ވަނީ މަތަކޮށްފައެވެ.
ސްޕެނިޝް ސްޕަރ ކަޕް ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ ދަންވަރު 00:00 ގައި ވާދަ ކުރާނީ ބާސެލޯނާއާއި ރެއާލް ބެޓިސްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!