ހއ. ހޯރަފުއްޓާއި ރ. މީދޫގައި ހޮސްޕިޓަލު އިމާރާތުގެ މަސައްކަަތަށް ބީލަން ހުށަހެޅުމަށް ހުޅުވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައިވާ ގޮތުގައި މި ބީލަންތަށް ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީން ނެވެ. އަދި ފިނޭންސްގެ "ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު" ގެ ވެސް މަތީން ނެވެ.
މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ " ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" ގެ ދަށުން ނެވެ.
މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިން ކަމަށައި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ގެޒެޓުގައި ވިދާޅުވެފައިވާ ގޮތުގައި ކޮންމެ ބީލަމެއްގައި -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ އެވެ.
ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި ޖެނަުއަރީ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ފެބްރުވަރީ މަހުެގ 13 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ https://bandeyripay.finance.gov.mv މެދުވެރިކޮށް ކަމަށް ވެސް ގެޒެޓުގައި ވެއެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ ފައިސާ ދެއްކުމަށްފަހު، ބީލަންތަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ފޮނުއްވަންވާނެ ކަމަށެވެ.
މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން މި ޖެނުއަރީ މަހުގެ 17 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި ބިޑުތަކާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށް ވެސް ވެއެވެ.
މި ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ ޖެނުއަރީ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1 ޖެހުމުގެ ކުރިން ކަމަށާއި ބިޑުތައް ހުޅުވުން އޮންނާނީ ފެބްރުވަރީ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11 ޖަހާއިރު، ފިނޭންސް ނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގަ އެވެ.
ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައި ކަމަށާއި ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީހާއި ވަގުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.
ހޯރަފުށީ ހޮސްޕިޓަލު އިމާރާތާއި މީދޫ ހޮސްޕިޓަލު އިމާރާތުގެ މަސައްކަތުގެ އަގަކީ ކޮންމެ އިމާރާތެއް 472,000.00 ރުފިޔާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!