ރާއްޖޭގެ ގައުމީ ހޭންޑްބޯލް ޓީމުތައް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.

'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން ހޭންޑްބޯލް މޯލްޑިވްސްގެ ނައިބު ރައީސް އަހްމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ ސަރބިއާގެ ކޯޗަކާއި އެކު ދިވެހި ގައުމީ ހޭންޑްބޯލް ސްކޮޑު އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވަނީ މި ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު ކަމަށެވެ. އަދި ފަރިތަކުރުންތައް ކުރިއަށްދަނީ ރޭގަނޑު ކަމަށެވެ.

Ad
rt

އޭނާ ވިދާޅުވީ ގައުމީ ސްކޮޑަށް ކުޅުންތެރިން ހޮވުމަށް މިހާރުކުރިއަށްދާ ފަރިތަކުރުންތަކުގައި އަންހެން 30 އަދި ފިރިހެން 30 ކުދިން ބައިވެރިވެފައޮވާ ކަމަށެވެ. މި ފަރިތަކުރުންތައް ގާތްގަޑަކަށް މަސްދުވަހަށް ކުރިއަށްގެންދިއުމަށް ފަހު، ގައުމީ ސްކޮޑަށް ކޮންމެ ޖިންސަކުން ވެސް 25 ކުޅުންތެރިން ނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޕްރެކްޓިސްތައް މިހާރުކުރިއަށް މިގެންދަނީ ގައުމީ ސްކޮޑަށް ކުދިން ހޮވަން. ގާތްގަޑަކަށް އެއްމަސް ވަރުވާނެ ކުދިން ހޮވަން. އެހާއިރަށް ކޯޗަށް ހުންނާނީ ކުޅުންތެރިން އެނގިފަތާ. ދެން ގައުމީ ސްކޮޑަށް (އަންހެން ވެސް ފިރިހެން ވެސް) 25 ކުޅުންތެރިން ނަގާނީ. އޭރުން ޕްރެކްޓިސް ކުރިއަށްދާނީ ގައުމީ ޖާރޒީގަ. މި ކޯޗު ގެނައުމުގައި މިނިސްޓަރ މަހްލޫފުގެ ވަރަށްބޮޑު އެހީތެރިކަމެއް ލިބުނު." މުޖޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަރިތަކުރުންތައް ކުރިއަށްދަނީ ހޭންޑްބޯލް ދަނޑުގައި ކަމަށެވެ.

ހޭންޑްބޯލްގެ ރާއްޖޭގެ ކުރިމަގާއި ގުޅޭގޮތުން މުޖޭ ވިދާޅުވީ މިއީ ކުރިއެރުވިދާނެ ކުޅިވަރެއް ކަމަށާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދިދާނެ ކުޅިވަރެއް ކަމަށެވެ.

މި ކުޅިވަރުން މާބޮޑު ކާމިޔާބީއެއް ރާއްޖެއަށް އަދިލިބިފައި ނެތަސް، އިންޓަރނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަނުން އެންމެފަހުން ބޭއްވި ސަރަހައްދީ މުބާރާތުން ފެއަރޕްލޭ ޓީމުގެ މަގާމު ރާއްޖެއަށް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ސައުތު އޭޝިއާ ސަރަހައްދުގައި އޮންނަ 8 ގައުމުގެ ތެރެއިން 5 ވަނައިގާ ރާއްޖެ އޮތުމަކީ ވެސް ކާމިޔާބީއެއް ކަމަށް ދެކެއެވެ.

މީގެ އިތުރުން ސައުތު އޭޝިއާގެ ގައުމުތަކުން ރާއްޖޭގެ ޓީމުގެ މައްޗަށް ހޯދަމުންދިޔަ ބޮޑު ކާމިޔާބީގެ ފަރަގު ކުޑަކުރުމަކީ ވެސް އުފާ ކުރާ ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.

މުޖޭ އިތުރަށް ވިދާޅުވީ މިހާރު އަމާޒު ހިފާފައިވަނީ ސައުތު އެޝިއަން ގޭމްސްގައި ރާއްޖެއަށް މެޑައްޔެއް ހޯދުމަށް ކަމަށެވެ.