އިނގިރޭސި ލީގު ކަޕް ކުއާޓާ ފައިނަލުގައި ޗާލްޓަން އެތުލެޓިކް ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ.

ރޭ ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މެޗު، އެ ޓީމުން ޗާލްޓަންގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.

Ad
rt

މެޗުގެ ފުރަތަމަ ލަނޑު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 21 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެންތަނީއެވެ. ޗާލްޓަންގެ އޭރިއާ ބޭރުން ފްރެޑް އެންތަނީއަށް ކުޅުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު އެންތަނީ ވަނީ އެ ބޯޅަ ޗާލްޓަންގެ ގޯލުގެ މަތީ ކަނަށް ފޮނުވާލާފައެވެ.

މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ދެވަނަ ލަނޑާއި ތިންވަނަ ލަނޑު، ކާމިޔާބު ކޮށްދީފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރަޝްފޯޑެވެ. ދެވަނަ ލަނޑު 90 ވަނަ މިނެޓުގައި ޕެލިސްޓްރީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ރަޝްފޯޑް ކާމިޔާބު ކޮށްދިންއިރު، ތިންވަނަ ލަނޑު އިތުރު ވަގުތުގެ ވެސް ފަހު ވަގުތު ކަސެމީރޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވެސް ރަޝްފޯޑެވެ.

މިއީ 2017 ވަނަ އަހަރުގެ ފަހުން ޔުނައިޓެޑް ލީގު ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ނިއުކާސަލްއާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށް މުބާރާތުގެ ސެމީ ފައިނަލުން ނިއުކާސަލް ވަނީ ޖާގަ ހޯދާފައެވެ.

ލީގު ކަޕް ކުއާޓާ ފައިނަލުގެ ދެ މެޗު މިރޭ ވެސް ކުޅޭނެއެވެ. މިރޭ ދަންވަރު 00:45 ގައި ނޮޓިންހަމް ފޮރެސްޓާއި ވުލްވްސް ބައްދަލުކުރާ މެޗު ފަށާއިރު، މިރޭ ދަންވަރު 01:00 ގައި މެންޗެސްޓާ ސިޓީ ނުކުންނާނީ ސައުތެމްޓަންއާއި ދެކޮޅަށެވެ.