ގުދުސްގެ މާތްވެގެންވާ އަލް އަގްސާ މިސްކިތަށް ހައްދުފަހަނައަޅާފައިވާ އިސްރާއީލުން މެދުނުކެނޑި ދެމުންގެންދާ އުދުވާނީ އަމަލުތައް ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ.
ރާއްޖޭގެ ހާރިޖީ ވުޒާރާއިން އާންމުކުރެއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި އަލް އަގްސާ މިސްކިތުގެ ހަރިންމަ ތެރެއަށް އިސްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރ، މި މަހުގެ 3 ވަނަ ދުވަހު ވަދެފައިވާތީއާއި، ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަނެ، އިތުރު ފިއްތުންތައް ކުރިމަތިކުރުވަމުންދާތީ، އެކަމާމެދު މަޝްވަރާކުރުމަށްޓަކައި ސަޢޫދީ އަރައްބިއްޔާގެ ޖިއްދާގައި ހުންނަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގެ މައި މަރުކަޒުގައި އިއްޔެ ބޭއްވި އޯ.އައި.ސީ. އެގްޒެކެޓިވް ކޮމިޓީގެ އޯޕަން- އެންޑެޑް ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ވަނީ ބައިވެރިވެފައެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ އޯއައިސީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް އަދި ދިވެހިރާއްޖޭގެ ފަރާތުން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލެވެ.
''މި ބައްދަލުވުމުގައި އަލް-އަޤްސާ މިސްކިތަށް އިސްރާއީލުން މެދުނުކެނޑި ދެމުންގެންދާ އުދުވާނީ އަމަލުތައް ދިވެހިރާއްޖެއިން ކުށްވެރިކުރައްވައި، އެމަނިކުފާނު ވަނީ ވާހަކަފުޅުދައްކަވާފައި'' ދިވެހި ހާރިޖީ ވުޒާރާގެ ނޫސްބަޔާނުގަވެއެވެ.
މި ބައްދަލުވުމުގައި ސަފީރު މުޙައްމަދު ޚަލީލު ދެއްވި ތަޤްރީރުގައި ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަތުން ނިމުމަކަށް ގެނެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރާ ހިސާބަށް އިސްރާއީލުން ފަހަތަށް ޖެހުމަށް ބާރުއަޅާ، ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް އޮންނަން ޖެހޭ ކަމުގައި ވިދާޅުވެފައިވާ ކަމަށް ހާރިޖިއްޔާގެ ނޫސްބަޔާނުގަވެއެވެ.
މީގެ އިތުރުން ޚަލީލް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ފަލަސްތީނުގެ ސަރުކާރާއި ރައްޔިތުންނަށް އަބަދަށް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!