ލާމަރުކަޒީ ނިޒާމު ހެޔޮގޮތުގައި ކުރިއަށް ގެންގޮސް ކައުންސިލަރުންނަށް ލިބެންޖެހޭ ބާރުތައް ލިބިދިނުމަށްޓައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދު ހޮވަން ޖެހޭ ކަމަށް ށ. ފޭދޫ ކައުންސިލްގެ ރައީސް އަދި ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ރައިޝަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ އެ ޕާޓީގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ނަޝީދުގެ އިތުރުން އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙެވެ.

Ad
rt

މީގެ ތެރެއިން ރައިޝަމްގެ ތާއީދު އޮތީ ރައީސް ނަޝީދަށްކަން ހާމަކުރައްވައި ދެއްވި ވޯޑިއޯ މެސެޖެއްގައި އޭނާ ވިދާޅުވީ 2018 ވަނަ އަހަރު އއ. އުކުޅަހުގައި އޮތް އެމްޑީޕީގެ ''އާދަޔާ ޚިލާފް'' ކޮންގްރެސްގައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު އެންމެ ދެކިވަޑައިގަންނަވަން ބޭނުންފުޅުވާ ދުވަހަކީ އަލުން ރައީސް ނަޝީދު ރާއްޖޭގެ ވެރިކަންކުރައްވާ ދުވަސް ކަމުގައި ވިދާޅުވި ކަމަށެވެ.

''އެހެންނަމަވެސް ވެރިކަން ލިބުމުން އެމްޑީޕީގެ މެންބަރުންނާއި، އެމްޑީޕީ ބާކީކޮށްލިތަން ފެނިގެން ދިޔައީ'' ރައިޝަމް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ހޮވަންޖެހެނީ ރާއްޖޭގެ ކަންކަން ހަމަމަގަށް އަޅުވައި، ކައުންސިލަރުން ލިބިދޭންޖެހޭ ބާރުތައް ލިބިދީ އަދި ލާމަރުކަޒީ ނިޒާމު ހެޔޮގޮތުގައި ހިންގުމަށް ކަމަށް ރައިޝަމް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަދި ފޭދޫ ރައީސް ރައިޝަމްގެ ތާއީދު ރައީސް ނަޝީދަށް ދެއްވިއިރު، ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ސިޔާންޓޭ) ވެސް ދަނީ ރައީސް ނަޝީދަށް ކެމްޕެއިން ކުރައްވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.