ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ޚިދުމަތް ބޭނުންކުރާ ދަތުރުވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމަށް ކޮންޓެކްޓްލެސް ކާޑު ބޭނުންކޮށްގެން މާލެ ސަރަހައްދުގެ ބަސް ދަތުރުތަކުގައި ފައިސާ ދެއްކޭނެ އިންތިޒާމް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ހަމަޖައްސައިފިއެވެ.

އެމްޓީސީސީން ބުނީ، ކޮންޓެކްޓްލެސް މާސްޓަ ކާޑާއި ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް މިހާރު ބަސް ދަތުރުތަކަށް ފައިސާ ދެއްކޭނެ ކަމަށެވެ. އެގޮތުން ދުނިޔޭގެ ކޮންމެ ބޭންކެއްގެވެސް ކޮންޓެކްޓްލެސް މާސްޓަ ކާޑް ނުވަތަ ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑެއް އަތުގައި އޮވެއްޖެނަމަ އާރްޓީއެލް ބަހުގެ ޚިދުމަތަށް ޓެޕް އެންޑް ޕޭ މެތަޑުން ފައިސާ ދެއްކޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

Ad
rt

މާސްޓަ ކާޑާއި ވިސާ ކޮންޓެކްޓްލެސް ކާޑު މެދުވެރިކޮށް ޓިކެޓަށް ފައިސާ ދެއްކުމަށް ބޭނުންވާ ވެލިޑޭޓަރު މާލެ ސިޓީގެ ހުރިހާ އާރްޓީއެލް ބަހެއްގައިވެސް މިހާރު ވަނީ ހަރުކޮށްފައެވެ. އެހެންކަމުން ކާޑު، ބަހުގައި ހަރުކުރެވިފައިވާ ވެލިޑޭޓަރުގެ ސްކޭނަރުގައި ޖައްސާލުމުން ފައިސާ ދެއްކޭނެއެވެ.

މި އިންތިޒާމާއެކު މިހާރު މާލެ ސަރަހައްދުގައި ބަހުގެ ދަތުރުތަކަށް ތިން ގޮތަކަށް ފައިސާ ދެއްކޭނެއެވެ. އެއީ ކަރުދާސް ޓިކެޓާއި ކިޔުއާރް ޓިކެޓްގެ އިތުރުން ކޮންޓެކްޓްލެސް ކާޑުންނެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މި ޚިދުމަތާއެކު އާރްޓީއެލް ބަހުގެ ޚިދުމަތް ހޯދާ ވަރަށް ގިނަ ކަސްޓަމަރުންނަށް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް އެހެން ސަރަހައްދުތަކުގައި ވެސް ބަހުގެ ޚިދުމަތުގައި މި ޚިދުމަތް ތައާރަފުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވަރަށް އަވަހަށް އެމްޓީސީސީގެ ދަތުރުކާޑުގެ ބަދަލުގައި ޕްރިޕެއިޑް ކާޑު ތައާރަފު ކުރެވޭނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. މި ކާޑުތައް ތައާރަފު ކުރުމުން ދަތުރުކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާރުޓީއެލް ބަސްތަކުގައި 65 އަހަރުން މަތީގެ އިސްރަށްވެހިންނަށާއި 3 އަހަރުން ދަށުގެ ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ޔުނީފޯމުގައި ތިބޭ ސްކޫލް ކުދިންނަށް ހިލޭ ދަތުރުކުރެވޭނެއެވެ.