ކުރީ އަދަދާއި ގުޅޭ

ކޮޓަރީގައި ވާ ރޫމްފުރެޝްނާގެ ވަހާއި އެކުވެ މަޑު ކުނިވަހެއް ނޯޝުގައި ޖެހެމުން ދިއައެވެ. ނަމަވެސް ހިމަތޮޅި އަސްލަމްގެ ނޭފަތް އެ ވަހަށް ހޭނިފައި ހުރި ކަހަލައެވެ. އޭނާ އެވަގުތު ހުރީ ކޮޓަރީގެ މޭޒުކައިރީގައި އެއް އަތުން ކެމެރާ ހިފައިގެން, އަނެއް އަތުގެ ދެ އިނގިލިން ކުޑަ ދިރޭ އެއްޗެއް ހިފައިގެން އެއަށް ބަލާށެއެވެ. ކައިރީގައި ހުރި މޭޒުމަތީގައި އެކިވަރުގެ ބިއްލޫރި ޓޭންކުތައް އަތުރާލައިފައި ހުއްޓެވެ. އެއީ އެކި ވައްތަރުގެ ދިރޭ ސޫފިތައް އަޅާފައި ހުރި ޓޭންކުތަކެކެވެ.

Ad
rt

ފުޅައާއި, އެކި ބާވަތުގެ ކޮކާ ފަންޏާއި, އެކި އާއިލާތަކުގެ ދޮންދޫނި، ކުރެއްޕާއި, މަދިރި ފަންޏާ އަދި މިނޫނަސް ނަން ނޭނގޭ އެކި ވައްތަރުގެ ސޫފިތައް އެ ޓޭންކު ތަކުގައި ދިރިއުޅެމުން ދެއެވެ. މި ސޫފިތަކަކީ އަސްލަމްގެ ”ޕެޓް“ ތައް ބާއެވެ؟ ނޫނީ އޭނާ ދިރާސާ ކުރަމުން ގެންދާ ތަކެތި ބާއެވެ.

އަސްލަމްގެ އަތުގެ ދެ އިނގިލިން ހިފަހައްޓައިފައި އޮތް ބޯބޮޑު ހިނި ވައިގެ ތެރެއަށް ދޫކޮށްލިއެވެ. އެއާއެކު އެ ހިނި ވެއްޓުނީ, ކޮޓަރީގެ މޭޒުމަތީގައި ދޮންވެލި އަޅާފައި ހުރި ކުޑަ ބިއްލޫރި ޓޭންކަށެވެ. ދޫ ވެލިގަނޑުގައި ވަޅެއްކޮނެ ސިކާރަ ކުރަން ތައްޔާރަށް އޮތް ގުނބޯގެ ހަރަށެވެ. ވެލިގަނޑަށް ލިބުނު ކުޑަ ލޮޅުމާއިއެކު ހަރުގައި ފިލާއޮތް ގުނބޯ, މައްޗަށް ވެލިފުށްތައް އުކަން ފެށިއެވެ. ހަދާނެގޮތް ހުސްވެ ބިރުން ފިލަން ދުވެދުވެ އޮތް ހިނި, ހަރުން މައްޗަށް ނޭރި ފުނަށް ވެއްޓެމުން ދިއައެވެ. އެއާއެކު ހައިވެފައި އޮތް ގުނބޯ, ހުޝިޔާރު ކަމާއެކު ހަރުންނިކުމެ, އޭގެ ބޮޑު ދެ ދަތްގަނޑުން ހިނީގައި ހިފައި ވެލިގަނޑުގެ ތެރެއަށް ދެމިގަތެވެ.

މި ހިތްދަތި މަންޒަރު ކެމެރާއިން ރިކޯޑު ކުރަމުން އަސްލަމް ގެންދިއައެވެ. ކުއްލިއަކަށް ގުނބޯ ހަރާއި ކުޑަތަންކޮޅެއް ދުރުން ވެލިގަނޑުގެ އަޑިން އެއްޗެއް ނުކުތުމުގެ ހިލަމުވިއެވެ. އެ ނިކުންނަނީ ކޯންޗެއްކަން އަސްލަމް އަށް އެނގެއެވެ. މިހެންވެ އަވަސް އަވަހަށް ކެމެރާގައި ޓުރައިޕޮޑް ހަރުކޮށްލިއެވެ. އަދި ކުޑަ ރިންގުލައިޓް އަކުން ޓޭންކަށް އަލިކޮށްލިއެވެ. އެ މަހުލޫގު ނުކުންނަ މަންޒަރު ރިކޯޑުކުރުމަށް ކެމެރާ އެ ދިމާލަށް ދިމާކޮށް ތައްޔާރުވެލިއެވެ.

ފަސްގަނޑުގެ ތެރޭގައި ވެލި ގުޅައެއްގައި ނިދާފައި އޮވެ, ފުރާފުރިހަމަވެ, ދުވަސް ހަމަވުމުން, އެ މަޑު ނިދިން ހޭލެވިގެން, ވެލިގަނޑުން އެ މަހުލޫގު ނިކުތެވެ. އެއީ ކުޑަކުޑަ ސުއިއްޕެކެވެ. މަޑުމަޑުން ފިރުކެމުން އެ ސޫފި ގޮސް ކައިރީގައި ވެލިގަނޑަށް ޖަހާލެވިފައި ހުރި ގޮފިކޮޅަށް އެރިއެވެ. މި މަންޒަރު ވަރަށް ކައިރިން ބަލަމުން ގެންދިއަ އަސްލަމް, ”ހެލޯ ޕަރީ…“ އޭ ބުނަމުން އޭނާގެ ކެމެރާގެ ނަޒަރު, އެ ސޫފި އެރި ގޮފިކޮޅާއި ދިމާލަށް ބަދަލު ކޮށްލިއެވެ.

ގޮފިކޮޅުގައި އެ ސޫފި ހަމަޖެހިލާ, އެ ސޮރުގެ ހަތަރު ފިޔައަށާއި, ނަގުލަށް ލޭ ފޮނުވަން ފެށިއެވެ. އެއާއެކު އެ ސޮރުގެ ކުޑަ ފިޔަތަކާއި, ކުރު ނަގޫ މަޑުމަޑުން ދިގުވެ ފުރިހަމަ ވަމުން ދިއައެވެ. އެ ހައިރާން ކުރުވަނިވި މަންޒަރު ބަލަން ހުރި އަސްލަމް ސިއްސައިގެން ދިއައީ, ބޮޑުބެ ދައްތަ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމުންނެވެ.

”އަސްލަމް… ބަލީތަ؟“ ބޮޑުބެ ދައްތަ ގޮވާލިއެވެ.

”ނޫން. ކިހިނެތްވީ ދައްތާ؟“ އަޑަށް ބާރުލައި އަސްލަމު ޖަވާބު ދިނެވެ.

”މެންދުރު ކާން ގޮވީމަ ނައީމަ ދައްތަ ހީކުރީ ބަލީކަމަށް. އެހެންޔާ ނުކުމޭ ހަވީރު ސައިބޯން. ބޮޑުބެވެސް އެބައިން އަސްލަމް އަންނަންދެން.“

”އިރުކޮޅަކުން އެބަ ދަން ދައްތާ.“ ގޮފިކޮޅުގައި އިން ހަތަރުފިޔަ ދޫންޏަށް ނަޒަރެއް އެއްލަމުން އަސްލަމް ބުނެލިއެވެ.

އަސްލަމްގެ ކުޑަކުޑަ ”ޕަރީ“ގެ ފިޔަތަކާއި ނަގޫ ފުރިހަމަ ވެލުމުން, ކެމެރާއިން ރިކޯޑުކުރުން ހުއްޓާލިއެވެ. އެއަށްފަހު އޭނާގެ ސުމާޓްފޯނަށް އެ ވީޑިއޯތައް ފޮނުވާލިއެވެ. އަދި ގުނބޯ ހަރަށް ހިނި ވެއްޓޭ މަންޒަރު ދައްކުވައިދޭ ވީޑިއޯ އެޑިޓުކުރަމުން ކޮޓަރިން ނުކުތެވެ.

މަޑު ހިނގުމުގައި, ކާގެއާ އަރާ ހަމަވިއިރު ވެސް އަސްލަމް ހުރީ އޭނާގެ ފޯނުގެ ތެރެއަށް ގެއްލި ހުސްވެފައެވެ. އޭރު ނެގި ވީޑިއޯ, އޭނާ ބޭނުންވާގޮތައް އެޑިޓްކޮށް ނިންމާލުމުގައެވެ. ކާގޭގެ މޭޒު ކައިރީގައި ހުރި ގޮނޑީގައި އޭނާ އިށީނީ, އެ ވީޑިއޯ އިންޓަގުރާމަށް ލުމަށް ވީޑިއޯގެ ތައާރަފުގައި ”އަނެކާގެ ދުލިފަށް ދަށުގައި ފޮރުވިގެން އުޅެނީ ކިހާވަރެއްގެ ނުރައްކާތެރި މަހުލޫގެއް ކަން ތިބާއަށް ރޭކާލާނީ ވަގުތު ފާއިތުވާފަހުން“ މި ޖުމްލަ ލިޔެލަމުންނެވެ. އެވަގުތު އަސްލަމްގެ ކުރިމަތީގައި ބެހެއްޓުނު ކޮފީތައްޓަށް ބަލާލުމަށް ފަހު, ބޮޑުބެ ދައްތައާއި ދިމާލަށް ބަލާލާ ހިނިތުންވެލިއެވެ. އަދި އެއާއެކު, ދިގު ”ހޭޝް ޓެގް“ ފަތިވަރެއް ލިޔުމަށް ފަހު, ”ދުލި“ ގެ ނަމުން ނަންދެވިފައިވާ, އިންޓަގުރާމު އެކައުންޓަށް އެ ވީޑިއޯ ޕޯސްޓުކޮށްލިއެވެ. އެ އަކައުންޓުގައި ހުރީ މުޅިންވެސް އެކި ޒާތްޒާތުގެ ސޫފީގެ ވީޑިއޯ ތަކެވެ. ގިނައީ އެސޮރުމެންގެ ދުލި ދޫކޮށް ސިފަ ބަދަލު ވާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ތަކެވެ.

”ދަރިފުޅާ އަސްލަމް. ބޮޑުބެ މިއުޅެނީ, ވިޔަފާރި ދަތުރަކު ރާއްޖެއިން ބޭރަށް ގޮސްލަން. ބޮޑުބެ އަންނަންދެން ޑިންގީއާ ދަރިފުޅު ހަވާލު ވާންވީންނު؟“ ކޮފީ ތަށިން ކޯވަރެއް ބޯލަމުން, އަސްލަމްގެ ކުރިމަތީގައި އިން ބޮޑުބެ ބުނެލިއެވެ.

ފޯނު މޭޒުމަތީގައި ބާއްވަމުން ބޮޑުބެގެ ސުވާލަށް ޖަވާމުދިނުމަށް އަސްލަމް އަވަސްވެ ގަތެވެ. އެ ހިނދު އޭނާގެ ފޯނަށް ނޮޓިފިކޭޝަން އެއް އައެވެ. އަސްލަމްގެ ޕޯސްޓެއްގެ އިންތިޒާރުގައި އިން އޭނަގެ އެންމެ ބޮޑު ”ފޭން“, އަސްމާ އަނާން, ދެންމެ ލީ ވީޑިއޯއަށް ކޮމެންޓު ކޮށްލިކަމުގެ ނޯޓިފިކޭޝަންއެވެ. ނަމަވެސް އެ ނޮޓިފިކޭޝަންގެ އަޑު އަސްލަމްގެ އެއް ކަންފަތުން ވަދެގެން އަނެއް ކަންފަތުން ނުކިން ކަހަލައެވެ. ފޯނާއި ދިމާލަށް ބަލާވެސް ނުލާ އޭނާ ވާހަކަ ދައްކަމުން ގެންދިއައެވެ.

”މައްސަލައެއް ނެތް“ އަސްލަމް އެ ސުވާލަށް މި ޖަވާބުދިނީ, ކުޑައިރުންސުރެ ބެލި, ދެވަނަ ބައްޕަގެ ބަހަށް ނޫނެކޭ ނުބުނުމަށާއި, އަދި އޭގައި އަމިއްލަ ފައިދާއެއް އޮތީމައާއި އެކުއެވެ.

”އަޅުގަނޑުވެސް މި ވިސްނަނީ މާދަން ފެށިގެން ކުޑަ ދުވަސްކޮޅަކަށް ޗުއްޓީއެއް ނަގަން. ކުޑޫ ކައިރިއަށް ގޮސްލަން. ޑިންގީ ލިބެން އޮތިއްޔާ ލޯންޖެއް ނުހޯދާ ވާނެއެންނު؟“ އަސްލަމްގެ ބޭނުން ބެނެލަމުން ވާހަކަ ކުރިއަށް ގެންދިއައެވެ.

އަސްލަމްގެ އެ ޖަވާބުން ބޮޑުބެގެ މޫނުމަތިން ފެނިގެން ދިއައީ, ހިތްހަމަ ޖެހުނުކަމުގެ ކުލަވަރުތަކެވެ.

ހަވީރު ސައިބޮއެ ނިމިގެން, މޭޒުމަތިން ފޯނު ނަގައި ޖީބަށްލަމުން އަސްލަމްގެ ކޮޓަރިއަށް ދިއުމަށް ހިނގައި ގަތެވެ. ފޯނަށް އައި ނޮޓިފިކޭޝަން އޭނައަށް އެހާ މުހިންމު ނުވީބާއެވެ؟ ނޫނީ, އަސްލަމްގެ ފޯސްޓުތަކަށް ލިބޭ ހިތްތަކާއި, ހިޔާލުތައް އޭނާއަށް މުހިންމު ނޫނީ ބާއެވެ؟

ކޮޓަރިއަށް ވަދެ އޭނާ ފުރަތަމަ ވެސް ބަލައިލީ ”ޕަރީ“ އިން ގޮފިކޮޅާއި ދިމާލަށެވެ. މަޑުމަޑުން ހިނގައިފައި ގޮސް, މޭޒުމަތީގައި ހުރި ކުޑަ ފޮށްޓަކުން އިސްތަށްޓެއްހާ ހިމަ އަފުނޯސް ކައްޓެއް ނެގިއެވެ. އަދި ލަސްހަރަކާތުގައި ފަރިތަކަމާއިއެކު އެ ސޫފީގެ ބޮލަށް އެ އަފުނޯސްކަށި ހަރާލިއެވެ. އެވަގުތު އެ ސޫފީގެ ފިޔަގަނޑު ބާރަށް ހޫރުވާލިއެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ނިކަމެތި މަހުލޫގުގެ ފުރާނަ, ހަށިގަނޑާއި ވަކިވިއެވެ. އެވަގުތު އަސްލަމްގެ މޫނުމަތިން ހިތާމަވެރިކަމުގެ ކުލަވަރެއް ވެސް ފެނިގެނެއް ނުދެއެވެ. އޭނާ އެ ސޫފިތައް އެ ގެންގުޅެނީ ފުރާފުރިހަމަ ކުރުމަށްފަހު ރަހުމްކުޑަ ގޮތަކަށް މަރާލުމަށް ހެއްޔެވެ؟

މަރުވެ ހަރުދަނޑިވަމުން ދިއަ ”ޕަރީ“ މޭޒުމަތީގައި ރީއްޗަށް ބޭވުމަށް ފަހު ކޮޓަރީގެ އަލަމާރި ހުޅުވާލިއެވެ. އެއާއެކު ހިމަ ދިގު ކުޑަ ބިއްލޫރިފުޅިއެއް އަލަމާރިން ނަގައިގެން އައިސް މޭޒުމަތީގައި ބެހެއްޓިއެވެ. އެއަށްފަހު މޭޒުމަތީގައި އޮލަފެނެއް އަޅާފައި ހުރި ފުޅިއަކުން, ކުޑަ ފުޅިއަށް މަދު ފެންފޮދެއް އެޅިއެވެ. ސާޖަންއެއް ކުޑަ ސާޖަރީއެއް ހަދާއިރު އުޅޭހާ މަޑުމައިތިރިކަމާއި, ފަރުވާތެރިކަމާއެކު ހަތަރުފިޔަދޫނި އަފުނޯސްކަށިން ނައްޓުވާލާ, ކުޑަ ފުޅީގެ ތެރެއަށް ލިއެވެ. މިފަހަރު އޮލަފެން ހުރި ފުޅިން ކުޑަ ފުޅި ފުރޭވަރަށް ފެން އަޅާ, އެ ސޫފި އެ ފެނުގެ ތެރެއަށް ފައްތާލިއެވެ. އެ މަހުލޫގު އެ ފުޅީގެ ތެރޭގައި ގަނޑުވެފައި އިންކަހަލައެވެ.

ކުޑަފުޅި ނަގާ ރީއްޗަށް ބަލާލުމަށްފަހު, ފުޅި ހިފައިގެން ގޮސް ކޮޓަރީގެ ފާރުގައި ހުރި ހަރެއް މަތީގައި ފުޅި ބޭންދިއެވެ. އެ ހަރުގައި ހުރީ މުޅިންވެސް ”ޕަރީ“ ގޮތައް މަރާލުމަށްފަހު ފެނެއްގެ ތެރޭގައި ފުޅިއަކަށް ލެވިފައިވާ އެކި ޒާތްޒާތުގެ ސޫފިތަކެވެ. އޭނާގެ ”ކަލެކްޝަން“ އަށް އައު ސޫއްޕެއް އިތުރުވީއެވެ.

ހަތަރުފިޔަދޫނިތަކާ ދިމާލަށް ނަޒަރެއް އެއްލަމުން, ކޮނޑުގައި ކެމެރާ އަޅުވާލައިގެން ކޮޓަރިން ނުކުތުމަށް އަސްލަމް ހިނގައިގަތެވެ. ގެއިން ނުކުމެ އަސްލަމްގެ ސައިކަލްގައި މިސަރާބު ޖެހީ ރަށުގެ އެއާޕޯޓު ސަރަހައްދަށް ދިއުމަށެވެ. މިއަދު ކުރަން ހުރި ތަހުލީލުތައް ނިންމާލުމަށެވެ. އެކި ވައްތަރުގެ ސޫފީގެ ފުޓޯ ނެގުމާއި ދިރާސާކުރުމަކީ އަސްލަމްގެ ހަށީގައި ހިފާފައިވާ ކަމެކެވެ. އޭނާ އަކަން ކުރަނީ ކުރާ ހިތުންނެވެ. އެއިން އޭނަގެ ހިތައް ފިނިކަމެއް ލިބޭތީއެވެ. ނޫނީ ނައުރަން ގެނބުނު ދުވަހު ފެނުނު މަންޒަރުން ކަމެއް ހިތުގައި ބިންވަޅު ނެގުނީއެވެ.

ކަކުލާއި ހަމައަށް ހެދިފައި ހުރި ވިނަގަސްތަކުގެ ތެރޭގައި އަސްލަމް ހިނގަމުން ދިއައެވެ. ކުޑަކުޑަ ހުދުކުލާގެ ކޮކާލެއްގެ ފަހަތުންނެވެ. އެ ކޮކާ ގޮސް ވިނަގަނޑު ތެރޭގައި އިށީނެވެ. އެ ސޮރަށް ހިލަމު ނުވާނެހެން މަޑުމަޑުން ކޮކާލާއި އޭނާ ކައިރިވަމުން ގެންދިއެވެ.

އަސްލަމްގެ ހަރަކާތްތައް ވަރަށް ޝައުގުވެރިކަމާއެކު ބަލަން, މޫދުކައިރީގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އަނާން އިނެވެ. އާދައިގެ މަތިން ހަވީރު ގަޑީގައި އަސްލަމް އެތަނަށް އަންނާތީ, އޭނާއަށް ވެސް ބޭއިހްތިޔާރުގައި އާދެވުނީއެވެ. ނޫނީ ކޮންމެވެސް އެހެން ބޭނުމެތް އޭގެ ފަހަތުގައި އޮތީ ކަންނޭނގެއެވެ.

އަނާންގެ ހިތް އެދެމުން ދިއައީ, އަސްލަމް އޭނައާއި ދިމާލަށް ބަލާލައި ހިނިތުން ވެލާނެ ވަގުތަކަށެވެ. ނަމަވެސް އަސްލަމްގެ ހަރަކާތްތައް އެހެން އިންސިއަކު ކައިރިން ބަލަމުން ދާ ކަން އޭނާއަށް ރޭކާލިހެނެއް ހިޔެއް ނުވެއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ވަނީ, އިރު އޮށްސި އަނދިރިވުމުގެ ކުރިން ރޭގަނޑު ނިދާނެ ތަނެއް ހޯދުމުގައި އަވަދި ނެތި އުޅުނު ކުޑަކުޑަ ކޮކާލާއި ދިމާލަށެވެ. އެ ކޮކާލަށްވުރެ ފުރިހަމަ ފިނިފެންމަލެއް އަސްލަމް އާއި ދިމާލަށް ބަލަމުން ދާކަން އޭނާއަށް ނޭގެނީ ބާއެވެ؟ ނޫނީ އޭނާއަށް އެ ފިނިފެންމަލަށް ވުރެ ކޮކާތަކާއި ބަޅިނދުތައް ކަމުދަނީ ބާއެވެ؟ ނޫނީ ގޮތްނޭނގޭ ކަނޑެއްގެ އެންމެ ފުނުގައި އޭނާ މިވަގުތު ފަތަމުން ގެންދަނީ އެވެ. ހަގީގަތުގެ އައްސޭރިއަށް ދާން އިންތިހާއަށް އޭނާ ބޭނުންވަނީއެވެ.

އަސްލަމްގެ ކެމެރާއިން ކޮކާލުގެ އެތަކެއް ފޮޓޯއެއް ނެގިއެވެ. އެއަށްފަހު އެ ކޮކާލާއި ވާހަކަ ދައްކަން ފެށިއެވެ.

”ތި ނާޒުކު ސޫފިތަކުގެ ދުނިޔޭގައި ވަނީ ހުސްވެސް އަޖައިބުކަން. ތީ ފަހެ ޖާދޫގަރުން ތަކެއް ތަ؟ ކަލޭމެންގެ ތި ޖާދުލުގެ ހަގީގެއް ކިޔައި ދީބަލަ. އަހަރެންނަށް ތި އުކުޅުތައް ދަސްކޮށްދީ ބަލަ. ފަންޏެއްގެ ގޮތުގައި ހޭދަވާ ދުވަސްތައް ނިމުމުން އަމިއްލައަށް މަރުވެ, މަޑު ނިދުމަކަށް ގޮސް ތި ރީތި ސިފައިގައި އަލުން ދިރޭ ގޮތް ކިޔައިދީބަލަ.“ އަސްލަމް އެވަގުތު ދައްކަމުން ދިޔައީ ވަރަށްވެސް ތަފާތު ވާހަކަތަކެކެވެ.

އިންތަނުން އަސްލަމް ތެދުވި ވަގުތު ވިނަގަނޑަށް ލިބުނު ލޮޅުމުގެ ސަބަބުން ކޮކާ އުދުހިގަތެވެ. އެސޮރު އަސްލަމްއާއި ދިމާލަށް މަލާމާތް ކުރާ ކަހަލައެވެ. ދުނިޔެ ހަލާކު ކުރަމުން ތި ގެންދާ އިންސީން މާ މޮޅުކަމުގައި ދެކެމުއެވެ. އެކަމަކު ތި އިންސީންނަށް އެނގެނީ މި ކާއިނާތުގެ ޒައްރެއްގެ މިންވަރެވެ.

އިރު އޮއްސި އަނދިރިވި ވުމުން މިއަދުގެ ދިރާސާ ނިންމާލާ, ސައިކަލްގައި އަސްލަމް ގެއާއި ދިމާލަށް ދިއުމަށް މިސްރާބު ޖެހިއެވެ. އަސްލަމްގެ ނަޒަރުގައި އަޅައިގަންނާނެ ކަމަށް މިއަދުވެސް އިންތިޒާރު ކުރަމުން ދިއަ އަނާން, އިސް ޖަހާލައިގެން އިންތަނުން ތެދުވެ ހިނގައި ގަތެވެ. ކޮންމެވެސް ދުވަހަކުން މި ދުނިޔޭގައި އަނާން އުޅޭކަން އަސްލަމްއަށް އެނގޭނެ ކަމުގެ އުންމީދުގައެވެ.

ރޭގަނޑުގެ ކެއުމަށްފަހު އަސްލަމް ވަނީ ކޮޓަރިއަށެވެ. ވާތު އަތުގެ ކަށި އިނގިލީގައި އަޅާފައި އޮތް އަނގޮށްޓީގައި އަތް ކާތަމުންނެވެ. ކޮޓަރީގެ ދޮރު ލެއްޕުމާއެކު ކުރިމަތިން ކަޅު ދުންގަނޑެއް ފާޅު ވަމުން ދިއައެވެ. އަދި އެ ދުންގަނޑުގެ ތެރެއިން އާދައިގެ އިންސާނެއްގެ އިސްކޮޅަށް ވުރެ ދިގު, ހަށިގަނޑު ފުރިހަމަ, ބޮލުގެ ކަޅު އިސްތަށިގަނޑު ދިގު, މޫނުގެ ކުލަ އަލި ފިރެހެނަކު ފާޅުވިއެވެ. އެ މީހާ އިންސިންނާ ތަފާތު ކުރުވާ ހުރީ އެންމެ ސިފައެކެވެ. އެއީ ދެކަންފަތުގެ މަތީބައި އިންސާނުންނަށް ވުރެ ދިގުވުމެވެ.

”ތިމްސީން. މި ވަގުތައް ތަވީދާއި ބެހޭ ގޮތުން މައުލޫމާތު ހޯދުން އިހަށް މަޑު ޖައްސާލާ. މާދަން އިސްރާ ގާތުން މިކަމުގެ އަލި މަގެއް ފެންނާނެ ކަމުގަ މި ދެކެނީ.“ ދުންގަނޑުން ނިކުން މީހާއާއި މުހާތަބުކޮށް އަސްލަމް ބުނެލިއެވެ.

-ނުނިމޭ-

(ނިމުނީ)