އަންހެން ބޭފުޅުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ "ޕްރެކްޓިސް ޕާލަމަންޓް" ޕްރޮގްރާމްގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، އޮސްޓްރޭލިއަން އެއިޑް އަދި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

Ad
rt

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އުމުރުން 25 އަހަރު ފުރިފައިވާ އަންހެން ބޭފުޅުންނަށެވެ.

ދެ ބެޗަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ފުރަތަމަ ބެޗު ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ ފެބްރުއަރީ 12 އިން 18 އަށެވެ. އަދި ދެވަނަ ބެޗު ކުރިއަށް ގެންދަން ނިންމާފައި ވަނީ ފެބްރުއަރީ 26 އިން މާރިޗް 4 އަށެވެ.

މަޖިލީހުގެ އިދާރާއިން ހާމަކުރަށްވާފައިވާ ގޮތުގައި، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެއެވެ. އަދި އެފަދަ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ މަރުހަލާގައި ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސައިދެއްވާނެ ކަމަށް ވެސް މަޖިލީހުގެ އިދާރާއިން ހާމަ ކުރަށްވާފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ޖެނުއަރީ 22 ދުވަހުގެ 12:00 ގެ ކުރިންނެވެ.

މި ޕްރޮގްރާމްގައި ރަޖިސްޓާ ވުމަށް ނުވަތަ އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވަން ޖެހެނީ 9397651 ނަންބަރު ފޯނާއެވެ. އަދި ޔޫއެންޑީޕީ މޯލްޑިވްސްގެ މީސް މީޑިއާ ޕްލެޓްފޯމް، ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވީޓާ މެދުވެރިކޮށް އިތުރު މައުލޫމާތު ފޯރުކޮށްދޭނެއެވެ.