އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ރޭ އާސެނަލްއާއި އޮކްސްފޯޑް ޔުނައިޓެޑް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް މުބާރާތުގެ ހަތަރުވަނަ ބުރުނަ އާސެނަލް ޖާގަ ހޯދައިފިއެވެ.

ރޭ އޮކްސްފޯޓް ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.

Ad
rt

މެޗުގެ ފުރަތަމަ ހާފުގައި އޮކްސްފޯޑުން ވަނީ އާސެނަލަށް ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާފައެވެ. ނަމަވެސް ދެވަނަ ހާފުގައި އާސެނަލުން ވަނީ ތިން ލަނޑު ޖަހައި މެޗު ކާމިޔާބު ކޮށްފައެވެ.

ފުރަތަމަ ލަނޑު 63 ވަނަ މިނެޓުގައި އޮކްސްފޯޑްގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އާސެނަލްގެ ފަބިއޯ ވިއޭރާ، އޮކްސްފޯޑްގެ އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޯށްދީފައި ވަނީ މުހައްމަދު އެލްނެނީއެވެ.

ދެވަނަ ލަނޑު 69 ވަނަ މިނެޓުގައި ފަބިއޯ ވިއޭރާ މެދުތެރެއިން ކުޅުނު މޮޅު ޕާހަކުން ތަނަވަސްވީ ފުރުޞަތުގައި ކާމިޔާބު ކޮށްދީފައި ވަނީ އެޑީ ކެޓިއާއެވެ. މެޗުގެ ތިންވަނަ ލަނޑު 75 ވަނަ މިނެޓުގައި މާޓިނެއްލީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވެސް ކެޓިއާއެވެ.

އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި އާސެނަލް ބައްދަލުކުރަން ޖެހޭނީ، ތިންވަނަ ބުރުގައި ޗެލްސީގެ މައްޗަށް ފަސޭހަކަމާއިއެކު ކުރި ހޯދި މެންޗެސްޓާ ސިޓީއާއެވެ.