އުމުރުން 33 އަހަރުގައި ވޭލްސްގެ ކެޕްޓަން ގެރެތު ބޭލް ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

ވޭލްސްއައް އެންމެ ގިނަ މެޗު ކުޅެދީ އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ބޭލް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިޢުލާން ކޮށްފައި ވަނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއް މެދުވެރިކޮށެވެ. ބޭލް ވަނީ ވޭލްސްގެ ޖޯޒީގައި 111 މެޗު ކުޅެ 41 ލަނޑު ޖަހައިދީފައެވެ.

Ad
rt

އޭނާ ކޮށްފައިވާ ޕޯސްޓްގައި ބުނެފައި ފުޓްބޯޅައިގައި އެންމެ އުނދަގޫ ނިންމުމަކީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުން ކަމަށެވެ. ގައުމީ ޖޯޒީގައި ގިނަ މެޗުތަކެއް ކުޅެލަން ލިބުމުގެ އިތުރުން ގައުމީ ޓީމްގެ ކެޕްޓަންކަން ކުރުމުގެ ފުރުޞަތަކީ ކެރިއާގައި ހާއްސަ ފުރުޞަތެއްގެ ގޮތުގައި ބޭލް ވަނީ ފާހަގަ ކޮށްފައެވެ. މީގެއިތުރުން ކުލަބް ލެވެލްގައާއި ގައުމީ ޓީމްގައި ކުރެވުނު މަސައްކަތާއި މެދު ފަހުރުވެރިވާކަމުގައި އޭނާ ބުނެފައި ވެއެވެ.

ޔޫތު ކެރިއަރު ސައުތެމްޓަނުން ފެށި ބޭލް، ސައުތެމްޓަންގެ ސީނިއާ ޓީމަށް ކުޅެފައި ވަނީ އެންމެ ސީޒަނެކެވެ. ބޭލް ފާހަގަ ކުރެވެން ފެށީ 2007 ވަނަ އަހަރު ޓޮޓެންހަމްއަށް ބަދަލުވެ ދެއްކި މޮޅު ކުޅުމާއި އެކުއެވެ. މިގޮތުން އޭނާ ވަނީ ޓޮޓެންހަމްއަށް ކުޅެ ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފައެވެ.

ޓޮޓެންހަމްގައި ބޭލް ދައްކަމުން އައި މޮޅު ކުޅުމާއި ގުޅިގެން ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑުން އޭނާއަށް ޝަޢުޤުވެރިވެ 2013 ވަނަ އަހަރު އޭނާގެ ސޮއި ހޯދިއެވެ. ރެއާލުން ބޭލް ގެންގޮސްފައި ވަނީ 105 މިލިއަން ޑޮލަރަށެވެ. އެއީ އޭރުގެ އެންމެ އަގުބޮޑު ޓްރާންސްފާއެވެ. ބޭލްގެ ކާމިޔާބީ ގުޅިފައި ވަނީ ރެއާލް މެޑްރިޑާއެވެ.

މިގޮތުން އޭނާ ވަނީ ރެއާލްއާއިއެކު ޗެމްޕިއަންސް ލީގު ފަސް ފަހަރު، ސްޕެނިޝް ލަލީގާ ތިންފަހަރު، ކްލަބް ވޯލްޑް ކަޕް ހަތަރު ފަހަރު، ޔުއެފާ ސްޕަ ކަޕް ތިންފަހަރު، ސްޕެނިޝް ސްޕަ ކަޕް ތިންފަހަރު އަދި ކޮޕަ ޑެލް ރޭ އެއްފަހަރު ކާމިޔާބު ކޮށްފައެވެ.