ރާއްޖޭގެ މިހާރު މަސްރަޙް އޮތްގޮތުން ވެރިކަމަށް އާދެވެން އޮތީ ގިނަ ޕާޓީތަކެއް އެކުލެވޭ ކޯލިޝަނަކުން ކަމަށާއި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަން ދަމަހައްޓަން ބޭނުންނަމަ ކުރިއަށް އޮތް ޕްރައިމަރީގައި ހޮވަންވީ ކޯލިޝަނެއް ގޮވައިގެން އުޅެވޭނެ ކެންޑިޑޭޓެއް ކަމަށް އެމްޑީޕީގެ އެންމެ އިސްލީޑަރު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި މިއަދު ބ. އަތޮޅުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ނުކުމެ ހުންނެވީ ވެވަޑައިގަތް ވައުދުތައް ފުއްދުމައިގެން ކުރިއަށް ވަޑައިގަންނަވަން ކަމަށެވެ. އަދި އެކަން ކުރެވޭނެ ގޮތް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

Ad
rt

''ނުކުމެ މިހިރީ ވީ ވައުދުތައް ފުއްދުމުގައި ކުރިއަށް ދާން، އެކަން ކުރެވޭނެ ގޮތް ވަރަށް ސާފުކޮށް އެބަ އިނގޭ، އެއީ ވެރިކަމުގައި ތިބެގެން، ވެރިކަން އާދެވޭނެ ގޮތް ވެސް އެބަ އެނގޭ، އަޅުގަނޑު ތަކުރާރުކޮށް ބުނަމުން މި އަންނަނީ، ރާއްޖޭގެ ވެރިކަމަށް އާދެވޭނީ ތަފާތު ފިކުރު އެކުލެވޭ ގިނަ ބަޔަކު ހިމެނޭ ސަރުކާރެއް އެކުލަވާލައިގެން، އެއީ ރާއްޖޭގެ ސިޔާސީ މަސްރަޙް މިއަދު އޮތް ގޮތް،'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓު ކުރިއަކުން އެކަމެއް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މަސައްކަތް ކުރައްވަމުން ގެންދެވީ އެކަނިމާއެކަނި ނުކުމެ އިންތިޚާބު ކާމިޔާބު ކުރައްވަން ކަމަށް ވެސް ވިދާޅުވިއެވެ.

''އެހެންނަމަވެސް އެއީ އެކަން އެހެން ކުރެވެން އޮތް ކަމެއް ނޫންކަމަށް އެ ޤަބޫލު ކުރައްވަނީ، މިއަދު ވިދާޅުވީ ކޯލިޝަނެއް އެކުލަވާލާ ވާހަކަ، ސަރުކާރެއް އެކުލަވާލެވޭނީ ކޯލިޝަނަކުންކަން، ދަންނަވަން ބޭނުންވާ ވާހައަކީ ކޯލިޝަނެއް ހެދެނީ އެކަންޏެއްނޫން، ގިނަ ޕާޓީތައް ބައިވެރިވެގެން، ތިބޭފުޅުން ބައްލަވަންވީ އެކަން ކުރެވޭނީ ކާކަށްތޯ،'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޯލިޝަނެއް ހެދިޔަސް އެ ކޯލިޝަން ދަމަހައްޓަން ވެސް ޖެހޭކަމަށާއި، ކޯލިޝަން ނުދެމެހެއްޓޭނަމަ ވެފައިވާ ވައުދުތައް ނުފުއްދޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެކަމުގެ މިސާލެއްގެ ގޮތުގައި އެމަނިކުފާނު ނެންގެވީ 2008 ވަނަ އަހަރު އެމްޑީޕީ އިސްވެ އޮވެ އެކުލަވާލި ކޯލިޝަން ސަރުކާރެވެ. އެ ސަރުކާރުގެ ޅަފަތުގައި ކޯލިޝަންރޫޅި، ދައުރު ދެބައިވީ ހިސާބުން ވެރިކަން ބަދަލުވެގެން ދިޔުމުން ރައްޔިތުންނަށްވީ ވައުދުތައް ވެސް ނުފުއްދި ޕާޓީގެ މެންބަރުން ވެސް މަގުމަތިވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

''ވަރަށް ގިނަ ވައުދުތަކެއް ވެގެން 2008 ވަނަ އަހަރުވެސް ވެރިކަމަށް އައީ، ވައުދުތައް ނުފުއްދި މަގުމަތިވެގެން ދިޔައީ މި ދެންނެވި އަމާޒު ނެތިގެން، ތިބޭފުޅުން 2018 ވަނަ އަހަރު އަޅުގަނޑާ ހަވާލުކުރީ ކޯލިޝަން ސަރުކާރެއް، އެއީ ރައްޔިތުން އެދުނުގޮތް، ހަތަރު އަހަރު ފާއިތުވެގެން މިދިޔައީ، ދައުރު ނިންމާނީ ހަވާލުކުރި ކޯލިޝަނާއެކު'' ރައީސް ވިދާޅުވެފައެވެ.