ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 107 މައްސަލަ ނޮވެމްބަރ 2022 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.
އެ މިނިސްޓްރީން ވިދާޅުވީ މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތައް ކަމަށާއި އެގޮތުން އިހުމާލުވުމުގެ 28 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ޖިންސީ ހާނިކައިގެ 25 މައްސަލައާއި ޖިސްމާނީ ހާނިކައިގެ 18 މައްސަލައަކާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 17 މައްސަލަ ވެސް ނޮވެމްބަރު މަހު ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި ނަފްސާނީ ހާނިއްކައިގެ 9 މައްސަލައާއި އެހެންކުދިންގެ ފަރާތުން ގަނާ ލިބުމުގެ 3 މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން – ބްލެކްމެއިލް ކުރުމުގެ 2 މައްސަލަ ވެސް އެ މަހު ރިޕޯޓުކޮށްފައިވާ ކަމަށް ވިދާޅުވެއެވެ.
ހަމަމިއާއެކު ކުޑަކުދިނަނަށް ޖިންސީ ގްރޫމިންގ ކުރުމުގެ 2 މައްސަލައަކާި އިންޓަރނެޓް މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ ގްރޫމިންގ ކުރުމުގެ މައްސަލައަކާއި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލައެއްގެ އިތުރުން ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ބޭނުންކުރުމުގެ މައްސަލައެއް ވެސް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފަ އެވެ.
ޖެންޑަރ މިނިސްޓްރީން ވިދާޅުވީ ފައިބެއަހަރުގެ ނޮވެމްބަރ މަހު 252 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!