އަލިފާނުގެ ހާދިސާތައް ތަހުގީގު ކުރުމަށް ހާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ސީޕީ މިގެން ވިދާޅުވީ މިއަދު ފަތިހުގެ ވަގުތެއްގައި މާލޭގައި ހުންނަ ނީލަން ފިހާރައިގައި ރޯވެ، އަނދަމުން ދަނިކޮށް ކުރެއްވި ޓްވީޓެއްގަ އެވެ.
އެ ޓްވީޓިގައި، މި ހާދިސާތައް ތަހުގީގުކުރުމުގައި ރައްޔިތުންގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާ ކަމަށާއި އެކަމަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލެއްވުމަށް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ރޭ ފަތިހު މާލޭ ނީލަން ފިހާރައިގައި ރޯވި އަލިފާނުގެ 70 އިންސައްތަ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން މިހާރުވަނީ ވިދާޅުވެފަ އެވެ.
''އެހެންނަމަވެސް މެދުތެރޭ އަދި ވެސް ރީޗް ނުވެވޭ ހިސާބު އެބަހުރި'' އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ނީލަން ފިހާރަ ސަރަހައްދުގައި މީހުން ދިރިއުޅޭ ދެ އެކޮމަޑޭޝަން ބްލޮކްގެ ތެރެއިން އެއް ބްލޮކް އެއްކޮށް އަނދާ ހުލިވެފައިވާ ކަމަށާއި، އެ ބްލޮކަށް އަލިފާން ނިއްވާ ސިފައިން ވަދެ ބެލިބެލުމުން އެތަނުން އެއްވެސް މީހަކު ފެނިފައިނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މި ހާދިސާއާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުން ތިބޭ ތަން ހުސްކޮށްފައިވާއިރު، އެ ސަރަހައްދުގައި ހުންނަ އިމާދުއްދީން ސްކޫލާއި އިއްޒުއްދީން ސްކޫލްގެ ކިޔެވުން ވެސް ވަނީ ކުރިއަށް ނުގެންދަން ނިންމާފައެވެ. އަދި ވިލާ އިންޓަރނޭޝަނަލް ހައިސް ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ކިޔެވުން ވެސް ވަނީ މެދުކަނޑާލާފައެވެ.
މިފަހަކަށް އައިސް މާލޭގައި ދަނީ އަލިފާނުގެ ބޮޑެތި ހާދިސާތަކެއް ހިނގަމުން ނެވެ. އެގޮތުން ގުޅީފަޅުގައި ހުންނަ ތިލަމާލެ ބްރިޖު މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މީހުން ތިބޭ އެކޮމޮޑޭޝަން ބްލޮކުގައި ރޯވެ އަނދާ ހުލިވެފައިވަނީ ފައިބެއަހަރުގެ ޑިސެމްބަރ 15 ވަނަ ދުވަހުގެ ރޭ 00:31 ހާއިރު އެވެ.
އެ އިމާރާތުގައި 465 މީހުން ދިރިއުޅެމުންދިޔައިރު، އޭގެތެރެއިން 73 މީހަކަށް އަނިޔާވެގެން ވަނީ ފަރުވާ ދީފައެވެ. އަދި އެ ހާދިސާއަށް ފަހު އެތަނުގައި ދިރިއުޅޭ މީހަކު މަދުކަން ފާހަގަ ކުރެވުމުން އެމީހާ ހޯދުމަށް ކުރެވުނު މަސައްކަތުން ޑިސެމްބަރ 18، 2022 ވަނަ ދުވަހު، އިންސާނެއްގެ ހަށިގަނޑުގެ ބައިތައް ކަމަށް ބެލެވޭ ބައިތަކެއް އެތަނުން ވަނީ ފެނިފައެވެ.
މީގެ އިތުރުން 9 ނޮވެމްބަރ 2022 ވަނަ ދުވަހުގެ ރޭ ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައި، އެތައް ބައެއްގެ ފުރާނަ ގެއްލިފައެވެ. އެ ހާދިސާގައި 10 ބިދޭސީން ވަނީ ނިޔާވެފައެވެ. އެ އިމާރާތުގައި ގިނައިން ދިރިއުޅުނީ އިންޑިއާ އަށް ނިސްބަތްވާ މީހުންނެވެ. އެ ހާދިސާގައި ނިޔާވި 10 މީހުންގެ ތެރެއިން 8 މީހުންނަކީ ވެސް އިންޑިއާއަށް ނިސްބަތްވާ މީހުންނެވެ. އަނެއް ދެ މީހުންނަކީ ބަންގްލަދޭޝްގެ ދެ މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!