އައްޑޫ ސިޓީގައި ނިރުބަވެރި ހަމަލާއެއް ދޭނެކަމަށް ބުނެ އިންޒާރު ދިން މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފި އެވެ.

އެފަދަ ލިޔުމެއް ލިޔެފައިވާ ފޮޓޯ އެއް ނޫސްވެރިއަކު ފުލުހުންގެ މީޑިއާ ގްރޫޕްގައި ހިއްސާކޮށް، އެފަދަ މައްސަލައެއް ބަލަމުން ދޭތޯ ކުރި ސުވާލެއްގެ ޖަވާބުގައި ފުލުހުން ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

Ad
rt

''މައްސަލަ ދަނީ ތަހްގީގު ކުރަމުން'' ފުލުހުން ވިދާޅުވެފައިވެއެވެ.

އެ ލިޔުމުގައި ލިޔެފައިވާ އިބާރާތްތަކުގައި '' އައްޑޫ ސިއްސުވާލަނީ '' ލިޔެފައިވާއިރު، ''ލޭ އޮހޮރުމަކަށް ނުގޮސް އަމާންދީ'' މިހެން ވެސް ލިޔެފަވެއެވެ. އަދި ''އަހުންތައް ދޫކޮށް'' ލިޔުމަށްފަހު ''މިއީ އެންމެ ފަހުގެ އިންޒާރު'' ކަމަށް ވެސް ލިޔެފަވެއެވެ.

މިލިޔުމުގެ މަތީގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ދިދާގައި ބޭނުންކުރާ ފަދަ ނިޝާނެއް ވެސް ކުރަހާފަވެއެވެ.

އައްޑޫ ސިޓީގައި ނިރުބަވެރި ހަމަލާއެއް ދޭނެކަމަށް ބުނެ އިންޒާރު ދިން މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށާފައިވާއިރު، ސަލާމަތީ ބާރުތައް ގުޅިގެން މިދިޔަ އަހަރު ނޮވެމްބަރު މަހު ވަނީ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނެއް ވެސް ހިންގާފައެވެ. ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށި މި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި އައްޑޫ ސިޓީއާއި މާލެއާއި ކ. ގުރައިދޫން ޖުމްލަ 14 މީހަކު ހައްޔަރު ކުރިއެވެ. އޭރު ފުލުހުން ވިދާޅުވިގޮތުގައި މި 14 މީހުންގެ ތެރެއިން 10 މީހުންނަކީ އައްޑޫ ސިޓީން ހައްޔަރު ކުރި މީހުންނެވެ. އަނެއް 4 މީހުންގެ ތެރެއިން 2 މީހުން ހައްޔަރު ކުރީ މާލެއިންނެވެ. ބާކީ ދެ މީހުން ހައްޔަރުކުރީ ކ. ގުރައިދޫންނެވެ. އަދި މި މީހުންގެ ތެރެއިން 5 މީހެއްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.