މާލެ ސިޓީ ކައުންސިލުން ބަލަހައްޓާ މިސްކިތްތަކުގެ އާބާތުރަ ފިލުވަން އިސްލާމިކް މިނިސްޓްރީން ސިޓީ ކައުންސިލަށް ދެއްވި ފައިސާ އާއިގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ވާހަކަ ދައްކަވާފައި ވަނީ ހަގީގަތް އޮޅޭގޮތަށް ކަމަށާއި، އެކަމާ ހިތާމަކުރައްވާ ކަމަށް މާލޭ މޭޔަރޔ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ، މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް ފަންޑު ހޯދުމަށް މިދިޔަ ހަފުތާ ބަންދުގައި ޓެލެތޯނެއް ފަށާފައެވެ. "ޗާލު މިސްކިތް" ފަންޑުނަމުގައި ކުރިއަށް ގެންދާ މި ހަރަކާތަށް ފުރަތަމަ ދެ ދުވަހުން 7،44،713.90 ރުފިޔާ ވަނީ ލިބިފައެވެ.
މި ހަރަކާތް ފަށާފައިވަނިކޮށް މާލޭގެ މިސްކިތްތައް މަރާމާތުކުރަން މާލެ ސިޓީ ކައުންސިލަށް ފައިސާ ހަމަޖައްސައިދީފައިވާކަމަށާއި، ނަމަވެސް ސިޓީ ކައުންސިލަށް ދޫކުރި ފައިސާއަށް ހެދި ގޮތެއް ހާމަކޮށްފައިނުވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބައެއް މީޑިއާތަކަށް ވިދާޅުވެފައެވެ.
އިސްލާމިކް މިނިސްޓްރީން އެހެން ވިދާޅުވެފައިވާތީ، "ޗާލު މިސްކިތް" ހަރަކާތުގެ ދަށުން މާލޭ އާޓިފިޝަލް ބީޗްގައި ކުރިއަށް ގެންދިޔަ ހަރަކާތް ނިންމުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މޭޔަރު މުޢިއްޒު ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން ކައުންސިލަށް ދެއްވީ 1 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ.
'' އެ ފައިސާ ހުސްވެގެން މާލެ ސިޓީ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަން ރުފިޔާ ޚަރަދުވެގެން ގޮސްފައި ވަނީ، އަދި 2022 ވަނަ އަހަރު އަނބުރާ ކައުންސިލަށް ދެއްވާނެކަމަށް ވިދާޅުވި 2 މިލިއަން ރުފިޔާ ވެސް ނުދޭ، އެ ފައިސާ ދެއްވިކަމަށް ވިދާޅުވިވާހަކަ އަކީ އިތުރުފުޅެއް، 2021، 2022 އަށް ދެއްވާފައި ވަނީ 1 މިލިއަން ރުފިޔާ، 2023 ވަނަ އަހަރުގެ ބަޖެޓްގައި ވެސް 1 މިލިއަން ރުފިޔާ ދެއްވާނެ ކަމަށް ކަނޑައަޅާފައިވޭ،'' މޭޔަރު ވިދާޅުވިއެވެ.
''އެހެންވީމަ ބަޖެޓެއް ހަގީގަތުގައި ޖަމާކޮށްދެއްވީ އެންމެ 1 މިލިއަން ރުފިޔާ މިދިޔަ ތިން އަހަރުގެ ތެރޭގައި، ދެން ރެއިމްބާސް ކުރާނެ ކަމަށް ވިދާޅުވި ދެ މިލިއަނެއް ނު ދެއްވަވާ، ފައިސާ ދެއްވާނެކަމަށް ވިދާޅުވެ ނުދެއްވާ ހަގީގަތް އޮޅުވާލައި މިފަދަ ޒިންމާދާރު މަގާމެއް އަދާކުރާ ފަރާތަކުން ބުނުމަކީ ކައުންސިލުން ހިތާމަކުރާ ކަމެއް،'' މުއިއްޒު އިތުރަށް ވިދާޅުވެފަވެއެވެ.
މީގެ އިތުރުން މޭޔަރު ވަނީ ސިޓީ ކައުންސިލަށް އިސްލާމިކް މިނިސްޓްރީން ދެއްވި ފައިސާ ޚަރަދު ކުރިގޮތުގެ ތަފްސީލް ވެސް މިއަދު ހާމަކުރައްވާފައެވެ. މާލޭ ސިޓީ ކައުންސިލްގެ މީޑިއާ ގްރޫޕްގައި މި ޚަރަދުތަކުގެ ތަފްސީލް ކަރުދާސް ހިއްސާ ކުރައްވަމުން މުއިއްޒު ވިދާޅުވީ، އެއީ އިސްލާމިކް މިނިސްޓްރީ އަށް ސިޓީ ކައުންސިލުން ކުރި މަސައްކަތްތައް އެނގިވަޑައިނުގަންނަވާތީ އެކަން އޮޅުން ފިލުވައިދޭން އާންމު ކުރި މައުލޫމާތެއް ކަމަށެވެ. އެ ކަރުދާހުގައި ވޭޔުވި 18 މަސް ދުވަހު ކައުންސިލުން ބަލަހައްޓާ މާލޭގެ މިސްކިތްތަކުގައި ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް ހިމަނާފަވެއެވެ.
މީގެ އިތުރުން އެ މިސްކިތްތަކުގެ ކަރަންޓާއި، ފެނާއި، މިސްކިތް ފޮޅާ ސާފުކުރުން ފަދަ މަސައްކަތްތަކަކީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކެއް ގޮތުގައި މޭޔަރު ވަނީ ފާހަގަ ކުރައްވާފައެވެ. މި ގޮތުން ވޭތުވި 18 މަސް ދުވަހު މިކަންކަމަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ކައުންސިލުން ޚަރަދުކޮށްފައިވާކަން މޭޔަރު ހިއްސާ ކުރެއްވި ކަރުދާހުން ފެންނަންއޮވެއެވެ.
މާލޭގެ މިސްކިތްތައް މަރާމާތުކުރަން ސިޓީ ކައުންސިލަށް ދޫކުރި ފައިސާއަށް ހެދި ގޮތެއް ހާމަކޮށްފައިނުވާކަމަށް އިސްލާމިކް މިނިސްޓްރީން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ، 2022 ވަނަ އަހަރުވެސް 2 މިލިއަން ރުފިޔާގެ ބަޖެޓެއް މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ކަނޑައަޅާ، އެކަން ސިޓީ ކައުންސިލަށް އެންގިކަމަށެވެ. ނަމަވެސް ފައިސާ ދޫކުރުމުގެ ބަދަލުގައި މިސްކިތްތައް މަރާމާތުކުރުމަށް ފަހު ހިނގާ ބިލްތައް މިނިސްޓްރީއަށް ހުށައެޅުމުން އެބަޖެޓުން ފައިސާ ހަމަޖެހޭނެކަން އަންގާފައިވީ ނަމަވެސް ސިޓީ ކައުންސިލުން މިދިޔަ އަހަރުވެސް އެފަދަ އެއްވެސް މުޢާމަލާތެއްކޮށް މިނިސްޓްރީއާއި ހިއްސާކޮށްފައިނުވާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!