މިއަހަރު ކުރިއަށްދާ ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީން މަސައްކަތްކުރާނީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް އިސްކަންދީގެންކަމަށް އެޕާޓީގެ ތަރުޖަމާނު އަލީ ނަޛީރު ވިދާޅުވެއްޖެއެވެ.
އަލީ ނަޛީރު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ސިޔާސީ ޕާޓިތަކުން ތައްޔާރުވުމަށް އަންނަ މި ދަނޑިވަޅުގައި އެޕާޓީގެ ތަރުޖަމާނު އަލީ ނަޛީރު މިހެން ވިދާޅުވެފައިވާއިރު ހޯމް މިނިސްޓަރު، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް އަންނަނީ ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅޭގޮތުން ޓުވީޓު ކުރައްވަމުން ނެވެ.
އަލީ ނަޛީރުގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ބޭނުމީ ހަމަޖެހުންކަމުގަ އެވެ.
"2003 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ދެމިގެންދިޔަ ސިޔާސީ ހަލަބޮލިކަން އަލުން އިޔާދަވާކަށް ބޭނުމެއް ނޫން."
އަލީ ނަޛީރުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ކޯލިޝަން ސަރުކާރެއް ނުވަތަ ގިނަ ސިޔާސީ ޕާޓީތަކާ އެކު މަސައްކަތް ނުކުރެއްވޭ ރައީސަކަށް ރާއްޖޭގެ ވެރިކަން ކުރަން ދެން ފަސޭހައެއް ނުވާނެ ކަމަށްވެސް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެފައިވެއެވެ.
"ހުރިހާ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތަށް ގިނަ ދިވެހިންގެ ވިސްނުމާ އެއްގޮތަށް ރާއްޖޭގެ ވެރިކަން ކުރާނެ ގޮތެއް ހޯދައިދިނުމަކީ ސިޔާސީ ލީޑަރުން ހޯދަން ޖެހޭ އަގެއް،"
އިމްރާން ވިދާޅުވި އެވެ.
އަދާލަތު ޕާޓީ އަކީ މިވެރިކަމުގެވެސް ކޯލިޝަން ބައިވެރިއެކެވެ. މިހާރުގެ ރައީސް ވެސް ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަނަކާ އެކީގަ އެވެ. އެ ކޯލިޝަންގައި ހިމެނެނީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތާއި އެމްއާރްއެމް އެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ބާއްވާނެ ކަމަށާއި އަދި ރަސްމީ ތާރީޚު މިމަހު 15 ވަނަ ދުވަހު އިއުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!