އިޓާލިއަން ލީގުގައި ޔުވެންޓަސް އެންމެ ފަހުން ކުޅުނު އަށް މެޗު ވެސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.
ރޭ އަމިއްލަ ދަނޑުގައި ޔުވެންޓަސް ނުކުމެފައި ވަނީ އުދިނޭޒީއާއި ދެކޮޅަށެވެ. މި މެޗު 1-0 ގެ ނަތީޖާއިން ޔުވެންޓަސް ވަނީ ކާމިޔާބު ކޮށްފައެވެ.
މެޗު ފަށައިގެން ފުރަތަމަ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައި ވަނީ އުދިނޭޒީންނެވެ. އެ ޓީމްގެ ވެލަސް ބޮލުން ފޮނުވާލި ހަމަލާ ޔުވެންޓަސްގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
އުދިނޭޒީގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ޑިމާރިއާ އުދިނޭޒީގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ޔުވެންޓަސްގެ ޑިފެންޑަރ ޑެނިއޭލޭ ރުގާނީ ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ. މި ހާފުގައި ލަނޑެއްޖަހަން އެންމެ ހުސް ފުރުޞަތެއް ލިބިފައި ވަނީ ޔުވެންޓަސްގެ ފޯވާޑް މޮއިސް ކީންއަށެވެ. އޭނާއަށް ލިބުނު ހުސް ފުރުޞަތުގައި ފޮނުވާލި ނުރައްކާތެރި ހަމަލާ ވެސް އުދިނޭޒީގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރިހަމަ ވަގުތުހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައި ވަނީ ޔުވެންޓަސްގެ ޑިފެންޑަރ ޑަނީލޯއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ކިއޭސާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.
ޔުވެންޓަސް ލީގުގައި އެންމެ ފަހުން ކުޅުނު 8 މެޗުން ވެސް މޮޅުވެފައިވާއިރު، އެ އަށް މެޗުގައި އެ ޓީމްގެ ގޯލަށް ލަނޑެއް ވެސް ވަދެފައި ނުވެއެވެ.
ރޭ އިންޓަ މިލާނާއި މޮންޒާ ބައްދަލުކުރި މެޗު ނިމިފައި ވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
ޕޮއިންޓް ތާވަލު މިވަގުތު އޮތްގޮތަށް ބަލައިލާއިރު، އެއްވަނާގައި 16 މެޗުން ލިބުނު 41 ޕޮއިންޓާއިއެކު އޮތީ ނަޕޯލީއެވެ. ދެވަނާގައި 17 މެޗުން ލިބުނު 37 ޕޮއިންޓާއިއެކު ޔުވެންޓަސް އޮތްއިރު، 16 މެޗުން ލިބުނު 36 ޕޮއިންޓާއިއެކު ތާވަލުގެ ތިންވަނާގައި އޮތީ އޭސީ މިލާނެވެ. ހަތަރުވަނާގައި އިންޓަ އޮތީ ކުޅުނު 17 މެޗުން ލިބުނު 34 ޕޮއިންޓާއި އެކުގައެވެ.
ލީގުގައި ޔުވެންޓަސް މި މަހު 14 ގައި ނުކުންނާނީ އެއްވަނާގައި އޮތް ނަޕޯލީއާއި ދެކޮޅަށެވެ. މި މެޗުން ކާމިޔާބު ކޮށް އެއްވަނާގައި އޮތް ނަޕޯލީއާއި ފަރަގު ކުޑަ ކުރުމުގެ ފުރުޞަތު އެ ޓީމަށް އެބައޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!