މާލެ ސިޓީ ކައުންސިލުން ބަލަހައްޓާ އާބާތުރަ ފިލުވަމުންގެންދާ މިސްކިތްތައް މަރާމާތު ކުރުމަށް 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާ ކަމަށް އެ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ، މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް ފަންޑު ހޯދުމަށް ޓެލެތޯން މިދިޔަ ހަފުތާ ބަންދުގައި ޓެލެތޯނެއް ފަށާފައެވެ. "ޗާލު މިސްކިތް" ފަންޑުނަމުގައި ކުރިއަށް ގެންދާ މި ހަރަކާތަށް ފުރަތަމަ ދެ ދުވަހުން 7،44،713.90 ރުފިޔާ ވަނީ ލިބިފައެވެ.

Ad
rt

މި ހަރަކާތާއި ގުޅިގެން ބައެއް ފަރާތްތަކުން ފާޑުކިޔާތީ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރަން ކުރަންޖެހިފައި ހުރި މަސައްކަތްތައް މިސްކިތްތައްވަކިން ތަފްސީލާއި، ހިނގާނެ ޚަރަދު ސިޓީ ކައުންސިލުން ވަނީ މީޑިއާތަކާއި ހިއްސާކޮށްފައެވެ. އަދި ސިޓީ ކައުންސިލުން ބަލަހައްޓާ މިސްކިތްތަކުގެ މަރާމާތަށް އެ ކައުންސިލަށް އިސްލާމިކް މިނިސްޓްރީން 2021 އަދި 2022 ދެއްވި ފައިސާގެ ޢަދަދު ވެސް ވަނީ ހާމަކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުގެ މީޑީއާ ގްރޫޕުގައި ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރައްވަމުން މާލޭ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައި ވަނީ 2021 އަދި 2022 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ހަމަޖައްސައިދީފައިވަނީ 1 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް އެ މަސައްކަތަށް މާލެ ސިޓީ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަން ރުފިޔާ މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރުމަށް ހަރަދުކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މާލެ ސަރަހައްދުގެ މިސްކިތްތައް ބަލަހައްޓައި މަރާމާތުކުރުމަށް "ރެއިމްބާސް" އުސޫލުން ސަރުކާރުން އިތުރު 2 މިލިއަން ރުފިޔާ ދޭން ނިންމި ނަމަވެސް އެ ފައިސާ އަދި މާލެ ސިޓީ ކައުންސިލަށް ލިބިފައިނުވާކަމަށެވެ. މިސްކިތްތައް މަރާމާތު ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވައިލީ މާލެ ސިޓީގެ މިސްކިތްތައް މަރާމާތުކުރުމަށާއި ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓުން ބޮޑެތި މަރާމާތުތައް ނުކުރެވޭތީ ކަމަށާއި ފެނާއި ކަރަންޓު ބިލް ދެއްކުމަށް ވަކިން ބަޖެޓެއް ދީފައި ނުވާތީ ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.

މޭޔަރު ޑރ. މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި މާލެ ސިޓީ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަންރުފިޔާގެ މަރާމާތް ކުރި ނަމަވެސް އަދިވެސް ބައެއް މިސްކިތްތަކުގެ މަރާމާތްތައް ހުރީ ނުކުރެވިއެވެ. އެ މަރާމާތްތައް ކުރުމަށް 9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

އެ މަރާމާތުތައް ކުރަންޖެހޭ މިސްކިތްތަކާއި، އޭގެ ތަފްސީލް ވެސް މޭޔަރު ހިއްސާކުރައްވާފައިވާއިރު މާލެ ސިޓީ ކައުންސިލުން ބަލަހައްޓާ 26 މިސްކިތެއްގެ މަރާމާތުގެ މަސައްކަތް ވަނީ އަދި ވެސް ކުރާންޖެހިފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާނެ ކަމަށް ލަފާކޮށްފައި ވަނީ މަސްޖިދު ސައިޚް ޤާސިމް ބިން ޘާނީ އަށެވެ. އެ މިސްކިތް މަރާމާތު ކުރުމަށް 1.3 މިލިއަން ރުފިޔާ ޚަރަދވާނެ ކަމަށް ލަފާކޮށްފަވެއެވެ. ދެވަނަ އަށް އެންމެ ބޮޑު މަރާމާތެއް ބޭނުން ވެފައިވަނީ މަސްޖިދުއް ޒައިދު ބިން ޘާބިތު އަށެވެ. އެ މިސްކިތުގެ މަރާމާތަށް 9 ލައްކައަށްވުރެ ގިނަ ރުފިޔާ ބޭނުންވެއެވެ. ތިން ވަނަ އަށް އެންމެ ބޮޑު މަރާމާތެއް ބޭނުން ވެފައި ވަނީ މަސްޖިދުލް އިބްރާހީމް އަށެވެ. އެ މިސްކިތް މަރާމާތު ކުރުމަށް 8 ލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.