ގައުމެއްގެ ވެރިއަކު ކުއްލިކުއްލިއަކަށް މާބޮޑަށް ރިއެކްޓް ކުރުމަކީ އެހާ ގަދަކަމެއްނޫންކަމަށާއި، އެކަމުން ނުކުންނަ ނަތީޖާ ވެސް އެހާ ސަޅި ނޫންކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
ހިސާން މިހެން ވިދާޅުވީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ޖަލްސާގައި މިރޭ ނ. ވެލިދޫގައި ވާހަކަ ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ، އެމްޑީޕީގެ މެންބަރުން ތިބީ ރައީސް ޞާލިޙްގެ ފަހަތްޕުޅުގައި ކަމަށާއި، އެމްޑީޕީއާއެކު ކުރިއަށް ދެވޭނެ ކެންޑިޑޭޓަކީ ވެސް ރައީސް ޞާލިޙް ކަމަށެވެ.
ހިސާން ވިދާޅުވީ، އޭނާގެ ތަޖުރިބާގައި ގައުމެއްގެ ވެރިއަކު ކުއްލިކުއްލިއަކަށް މާބޮޑަށް ރިއެކްޓް ކުރުމަކީ އެހާ ގަދަކަމެއްނޫން ކަމަށެވެ. އަދި އެކަމުން ނުކުންނަ ނަތީޖާ ވެސް އެހާ ސަޅި ނޫންކަމަށެވެ.
''އަޅުގަނޑުގެ ތަޖުރިބާގައި ގައުމެއްގެ ވެރިއަކު ކުއްލިކުއްލިއަކަށް މާބޮޑަށް ރިއެކްޓް ކުރުމަކީ އެހާ ގަދަކަމެއްނޫން، މާބޮޑަށް މާގަދައަށް ރިއެކްޓް ކުރީމަ ނުކުންނަ ނަތީޖާ އެހާ ސަޅިއެއް ވެސް ނޫން، މާ ބޮޑަށް ރިއެކްޓް ކުރީމަ ރިޔާސީ ދައުރެއްގައި ތިން ނައިބު ރައީސް އައްޔަނު ކުރަންޖެހޭ، އަނެއްބައި ފަހަރު މާގަދައަށް ރިއެކްޓް ކުރީމަ ވެރިކަން އެބަ ވެއްޓިގެންދޭ، އަނެއްބައި ފަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ނޫނީ ވެރިކަން ނުއެއް ދެމެހެއްޓޭ، ބައެއް ފަހަރު ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ދަމާ ކޫއްތާފައި އެބަ ނެރެންޖެހޭ'' ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ، މި ރިއެކްޝަންގެ ނަތީޖާއަކީ ރައްޔިތުން މަގުމަތިވުން ކަމަށެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުން ޖެހެނީ ރެޔާދުވާލު މަގުމަތީގައި ގަނަތެޅެން ކަމަށް ވިދާޅުވިއެވެ.
''ރައީސް ވަރަށް ގިނަ ފަހަރު ވިދާޅުވެދެއްވައިފި އެމްޑީޕީގެ ވެރިކަން ވެއްޓުމުން ވީގޮތް ހަނދާން ނައްތާލައިގެން ނުވާނެއޭ، އުޅެން ޖެހުނު ހާލު އަޅުގަނޑުމެން އެކަކު ވެސް ހަނދާނެއް ނުނެތޭ،'' ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ، 2012 އިން 2013 ވަނަ އަހަރުގެ އިންތިޚާބާއި ހަމައަށް އެމްޑީޕީގެ ''ލަޝްކަރު'' އޮތީ އިހުތިޖާޖުގައި ކަމަށާއި، އެ ދުވަސްވަރު މަގުމަތީގައި ކޮންމެ ދުވަހަކު މުޒާހަރާކޮށް، ޅަ ދަރީން ދޫކޮށް ނުކުމެ ރެޔާދުވާލު މަސައްކަތްކުރީ ހެޔޮ ވެރިކަމެއް ގެނައުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެ ޖޯޝާ ފޯރީގައި ވެސް އެމްޑީޕީއަށް 50 އިންސައްތައިން މަތިން ވޯޓު ނުހޯދުނު ކަމަށާއި، ދެވަނަ ބުރުގައި އިތުރަށް ބޭނުންވި އެންމެ ދެ ޕަސެންޓް ވޯޓު ހޯދުމަށް އެމްޑީޕީއާއި ބައިވެރިވާނެ ބަޔަކު ނުވިކަމަށް ހިސާން ވިދާޅުވިއެވެ. އެ އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބުވި ސަބަބަކީ އެއީ ކަމަށާއި، އެހެންކަމުން އެއީ ވިސްނާ ފިކުރު ކުރަންޖެހޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!