މުސްލިމު ދައުލަތެއްގައި، މިސްކިތްތައް މަރާމާތު ކުރަން ފައިސާ ނެތުމަކީ ބޮޑުވެގެންވާ ލަދެއްްކަމުގައި، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް، އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެއެވެ.
ނާޒިމް މިފަދައިން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ނާޒިމް މިފަދައިން ވިދާޅުވެފައިވަނީ، މާލޭގެ މިސްކިތްތައް މަރާމާތުކުރަން ބޭނުންވާ ފަންޑް ހޯދަން މާލެ ސިޓީ ކައުންސިލުން އިއްޔެ މާލޭގައި ފެށި "ޗާލު މިސްކިތް" ފަންޑް ރެއިޒިން ހަރަކާތަށް ފަށާފައިވަނިކޮންނެވެ.
ނާޒިމްގެ އެޓުވީޓުގައި ވިދާޅުވެފައިވަނީ، ފައިސާ އިސްރާފުނުކޮށް ބޭނުންތެރި ކަންކަމަށް ފައިސާ ހަރަދު ކުރަން ޖެހޭކަމަށެވެ.
"ސިޓީ ކައުންސިލުން މިސްކިތްތައް ބަލަހައްޓަން ކަމަށް ބުނެ ފައިސާ ހޯދުން ބަލައިނުގަންނަން."
ސިޓީ ކައުންސިލްގެ "ޗާލު މިސްކިތް" ފަންޑް ރެއިޒިން ހަރަކާތަށް އިޝާރާތް ކުރައްވާ ނާޒިމް ވިދާޅުވެފައިވެއެވެ.
އެ ފަންޑް ރައިޒިން އިވެންޓު ބާއްވާތީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ކަންބޮޑުން ފާޅުކުރައްވައިފަ އެވެ. މިނިސްޓަރު ވިދާޅުވެފައި ވަނީ 2020 ވަނަ އަހަރު ވެސް އެއް މިލިއަން ރުފިޔާ ދޫކޮށް، އެ ފައިސާ ބޭނުންކުރާ ގޮތުގެ ރިޕޯޓު ހުށަހެޅުމަށް އެންގި ނަމަވެސް އެ ރިޕޯޓް ކައުންސިލުން ނުފޮނުވާ ކަމަށެވެ. އެ ފައިސާ ކައުންސިލުގައި ހުރި ކަމަށް ފަހުން ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މާލޭގެ މިސްކިތްތައް މަރާމާތުކުރާނެ ފައިސާ ހޯދަން މާލޭ ސިޓީ ކައުންސިލުން ގާއިމުކުރި "ޗާލު މިސްކިތް" ފަންޑަށް ފުރަތަމަ ދުވަހު ވެސް ތިން ލައްކަ ރުފިޔާ އާންމުން ވަނީ ހަދިޔާކޮށްފަ އެވެ.
އެއާއި އެކު، މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ސަރުކާރުން މިސްކިތްތައް މަރާމާތު ކުރުމަށް އެއް މިލިއަން ރުފިޔާ ދިންކަމަށާއި ކައުންސިލުން ކުރިން އެކަމަށް 10 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވީ ނަމަވެސް، ގާތްގަނޑަކަށް 14 މިލިއަން ހަރަދުކުރަން ޖެހޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!