ސަރުކާރުން ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުންނަށް ބިރުދައްކާ ކަމަށް ބުނުމަކީ އެމެންބަރުންނަށް ކުރެވޭ މަލާމާތެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދުދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ މިހާރު ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދުގެ ތަރުޖަމާނަކަށް ވެސް ހަމަޖައްސާފައިވާ މާރިޔާ މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ އަނެއް ކެންޑިޑޭޓް ރައްޔިތުންގެ މަޖިލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުން ނެރެފައިވާ ނޫސްބަޔާނަކާއި ގުޅުވައި ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

އެ ނޫސްބަޔާނަކީ ރިޔާސީ ޕްރައިމްރީއާއި ދިމާކޮށް ނަޝީދަށް ތާއީދު ކުރާ، ސަރުކާރާއި ކުންފުނިތަކުގައި ތިބި އެމްޑީޕީގެ މެންބަރުންނަށް ދަތިކޮށް، ބިރުދައްކާކަމަށް ބުނެ ނެރެފައިވާ ބަޔާނެކެވެ.

މި ބަޔާނާއި ގުޅިގެން މާރިއާ ވިދާޅުވީ، އެމްޑީޕީ އަކީ ވަޒީފާގެ ބިރަށް ފަސް ނުޖެހުނު މީހުންގެ ޕާޓީ ކަމަށެވެ.

“ވަޒީފާގެ ބިރޭ ކިޔައިގެން ވާހަކަ ދެއްކުމަކީ މި ބިޔަ ބޮޑު ޕާޓީ ގެ ހިއްވަރު ގަދަ މެމްބަރުންނަށް ކުރެވޭ ބޮޑު މަލާމާތެއް” މާރިއާ ވިދާޅުވެފަ ވެއެވެ:

ވަޒީފާގެ ބިރު ދައްކާ ކަމަށް ބުނުމަކީ އެމްޑީޕީގެ މެންބަރުންނަށް ކުރެވޭ މަލާމާތެއް ކަމަށް މާރިއާ ވިދާޅުވެ، ނަޝީދުގެ ޓީމުގެ ނޫސް ބަޔާނަށް ފާޑުވިދާޅުވެފައިވާއިރު އެ ނޫސްބަޔާނުގައި ސަރުކާރަށް ގިނަ ތުހުމަތުތަކެއް ކޮށްފަވެއެވެ.

އެ ބަޔާނުގައި ފާހަގަކޮށްފައިވާ ބައެއްކަންކަމުގެ ތެރޭގައި، އެމްޑީޕީގެ މެންބަރުންގެ މަސައްކަތުން ހޯދައިގަތް ހައްގުތައް އަލުން ކުރީގެ ހާލަތަށް ރުޖޫއަވަމުން އަންނަކަމަށް ބުނެފައިވާއިރު، ރައީސް ނަޝީދަށް ތާއީދު ކުރާ އެ ޕާޓީއަށް ނިސްބަތްވާ މެންބަރުނަށް ޕްރައިމަރީގައި ވޯޓު ލުމުގެ ފުރުސަތު ނަގައިލުމަށް އެ މެންބަރުންގެ ވަޒީފާ އެހެން ރަށްރަށަށް ބަދަލުކުރަމުން އަންނަކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

މީގެ އިތުރުން ރައީސް ޞާލިޙްގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރަމުން އަންނަކަމުގެ ތުހުމަތުގެ އިތުރުން ސަރުކާރާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ރައީސް ޞާލިޙްގެ ކެމްޕެއިން ރެލީތަކުގައި ބައިވެރިވުމަށް މަޖުބޫރު ކުރުވާކަމުގެ ތުހުމަތުކޮށްފަވެއެވެ. ނަމަވެސް، ރައީސް ޞާލިޙް ކެމްޕެއިނުގެ ފަރާތުން މި ތުހުމަތުތައް ވަނީ ދޮގުކޮށްފައެވެ.