ސޮނީ އާއި ހޮންޑާ ގުޅިގެން އުފައްދާ ކާރު ބްރޭންޑަކީ "އަފީލާ"

230105123610-vehicle-afeela-sony

ސޮނީ އާއި ހޮންޑާ ގުޅިގެން އުފައްދާ ކާރު ބްރޭންޑްގެ ނަމަކީ "އަފީލާ" ކަން ހާމަކޮށްފި އެވެ.

ސޮނީ އާއި ހޮންޑާ ގުޅިގެން އިލެކްޓްރިކް ކާރު ތަރައްގީކޮށް އުފެއްދުމަށް ނިންމާފައިވާކަން ހާމަކޮށްފައިވަނީ މިދިޔަ އަހަރު މާޗްމަހުގެ ތެރޭގަ އެވެ.

ކޮންސިއުމަރ އިލެކްޓްރޯނިކްސް ޝޯގެ ތެރޭގައި ދިން ޕްރެޒެންޓޭޝަނެއްގައި ސޮނީ ހޮންޑާ މޮބިލިޓީގެ ޗީފް އެގްޒެކެޓިވް ޔަސުހިޑޭ މިޒޫނޯ ވަނީ އެކުންފުނީގެ ފުރަތަމަ ކާރުގެ ޕްރޮޓޯޓައިޕްއެއް ދައްކާލާފަ އެވެ.

ހޮންޑާގެ ފެކްޓްރީއެއްގައި އުފެއްދުމަށް ނިންމާފައިވާ މި ކާރު، 2025 ވަނަ އަހަރުގެ ތެރޭގައި އޯޑަރު ކުރުމަށް ހުޅުވާލާނެކަމަށާއި އަދި އެއަހަރު ތެރޭގައި ގަންނަން ލިބޭނެ ކަމަށް ބުނެފައިވެއެވެ.

އެ ބްރޭންޑަށް "އަފީލާ" މިނަން ދީފައިވަނީ، "ފީލް" މި ބަސް ބޭނުން ކޮށްގެން ކަމަށް މިޒޫނޯ ބުނެފައިވެއެވެ. އެގޮތުން ކާރު އުފެއްދުމުގައި ބަލާފައިވާނީ ދުއްވާ މީހުންނަށް އިހުސާސް ކުރުމާއި މުއާމަލާތް ކުރުމަށް އިސްކަން ދީގެން ކަމަށެވެ.

މި ކާރުގައި ހޮންޑާގެ ސޭފްޓީ އަދި ޑްރައިވަރ އެސިސްޓެންސް ސިސްޓަމްތަކުގެ އިތުރުން ސޮނީގެ އެންޓްރެއިންމަންޓާއި އިންޓަރެކްޓިވް ފީޗާސް ވެސް ހުންނާނެ ކަމަށް މިޒޫނޯ ބުންޏެވެ. ކާރު ޑިވެލޮޕް ކުރާއިރު ޑްރައިވިން ޑައިނަމިކްސް އާއި ޕާފޯމަންސް އަށް ވުރެ ބޮޑަށް ބާރު އަޅާފައި ވަނީ ސޮފްޓްވެއާ އާއި ޔޫޒަރ އިންޓަފޭސް ޓެކްނޮލޮޖީ އަށް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ކާރުގެ ކުރިމަތީ ބަމްޕަރުގެ މަތީގައި، މީޑިއާ ބާ ކިޔާ ހަނި ޑިސްޕްލޭ ސްކްރީނެއް ބޭރުގައި ހުންނާނެކަމަށާއި އެއީ އުޅަނދަށް މައުލޫމާތު ދެއްކުމާއި އުޅަނދުގެ ބޭރުގައި ތިބި މީހުންނާ މުއާމަލާތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމެއް ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، ފޯޓްނައިޓް އުފައްދާ ކުންފުނި އެޕިކް ގޭމްސްގެ އަންރިއަލް އިންޖީން ގްރެފިކްސް ޓެކްނޮލޮޖީއާ އެކު ކާރުގެ އެތެރޭގެ އިންޓަފޭސްތައް ޑިޒައިން ކުރުމުގެ މަސައްކަތް ކުރަމުންއަންނަ ކަމުގައިވެސް ބުނެފައިވެއެވެ. މި ކާރުގައި މުނިފޫހިފިލުވުމުގެ މުއްސަނދި ގޮތްތަކެއް ހުންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އަދި އުޅަނދުގެ އެތެރެއާއި ބޭރުގައި 45 ކެމެރާއެއް ހަރުކުރެވިފައިވާނެ ކަމަށާއި ކެމެރާ ސެންސަރުތަކުގެ ތެރެއިން ބައެއް ކެމެރާތައް ބޭނުންކޮށްގެން ޑްރައިވަރުގެ ހާލަތު ދެނެގަނެ، ސަމާލުކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވެދޭ ކަމަށް ވެސް މިޒޫނޯ ވަނީ ބުނެފަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *