ސަރުކާރަށް ނަގާފައިވާ ރ. އުފުލަންދޫ، އަތޮޅުގެ ރައްޔިތުންގެ ބޭނުމަށް އަލުން ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާ އެކު އަލިފުށީގައި ބޭއްވެވި ބައްދަލު ކުރެއްވުމުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި، ރ. އަތޮޅު ކައުންސިލުން ވަނީ، އަތޮޅުގެ ރަށް ރަށަށް ބޭނުންވާ ޢުމްރާނީ އަދި އިޖްތިމާޢީ ތަރައްޤީއާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ކަރުދާހެއް ރައީސް އަށް އަރުވާފައެވެ.
އެ އަތޮޅު ކައުންސިލުން ފާހަގަކުރެއްވި މުހިއްމު ބައެއް ކަންކަމުގެ ތެރޭގައި، އަތޮޅުގެ ދެކުނު ބިތުގައި އަޅާ އެއަރޕޯޓުގެ މަސައްކަތް އަވަސްކުރުމާއި، ރ. ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ފައިބަރު ކުނި ނައްތާލެވޭނެ ގޮތް ހެދުން ހިމެނެ އެވެ. އަދި އެ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ޕިކްނިކް ދިޔުމަށް ތިން ރަށެއް ކަނޑައެޅުން ވެސް ހިމެނެ އެވެ.
މީގެ އިތުރުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ހިންގޭ މަޝްރޫޢުތައް އިތުރަށް ހަލުވި ކުރަންޖެހިފައިވާ ކަމަށާއި، ތާރީޚީ ރަށެއްގެ ގޮތުގައި ކަނދޮޅުދޫ ތަރައްޤީކުރުމަށް، އެރަށް، އަތޮޅު ކައުންސިލާއި ހަވާލުކޮށްދެއްވުމަށް، ވެސް ވަނީ ރައީސް އަރިހު ދަންނަވާފަ އެވެ.
ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އަތޮޅު ކައުންސިލާއި ބައްދަލުކޮށްލެއްވުމުގެ ބޭނުންފުޅަކީ ވެސް އަތޮޅުގައި މިހާރު ހިންގޭ މަޝްރޫޢުތަކާއި ރޭވިފައިވާ މަޝްރޫޢުތައް ހިންގުމުގައި ކައުންސިލާއި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުން ކަމަށެވެ. އަދި، ކައުންސިލަރުން ފާޅުކުރެއްވި ޚިޔާލާއި ދެއްވި މަޝްވަރާއަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމަށް ރައީސް ވިދާޅުވީ، ރ. އަތޮޅު ދެކުނު ބިތުގައި އެއަރޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށާއި، އެކަމާގުޅިގެން މިހާރު ނުނިމި އޮތް ކަމަކީ، އެއަރޕޯޓް އަޅާނެ ތަނެއް ކަނޑައެޅުމުގެ މައްސަލަ ކަމަށެވެ. އަދި، ދެން އެންމެ އަވަހަށް އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ފެށިގެން ދާނެ ސަރަޙައްދުތަކުގެ ތެރޭގައި ރ. އަތޮޅު ހިމެނިގެންދާނެ ކަމަށް ވިދާޅުވި އެވެ.
ހަމަމިއާއެކު އަތޮޅު ކައުންސިލް މެމްބަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން ކުރެވެން ހުރި ކަންކަން ބައްލަވައި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރ. އަތޮޅު ކައުންސިލް މެމްބަރުންނާއި އެކު ބޭއްވެވި މިބައްދަލުވުމުގެ ކުރިން ރައީސްގެ ދެކަނަބަލުން ވަނީ، މިސަރުކާރުން އަލިފުށީ ސްކޫލުގައި އިމާރާތްކޮށްދެއްވި މަލްޓިޕަރޕަސް ހޯލު ހުޅުއްވައި ދެއްވައި އެ ޢިމާރާތް ބައްލަވައި ލައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!