މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީގައި ސަރުކާރުން އިމާރާތްކުރައްވާ އައު ހޮސްޕިޓަލަށް ފަންޑު ހަމަޖެހިފައިވާކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަލިފުށީ ކައުންސިލާއި އ.ތ.މ ކޮމިޓީ އާއެކު މިއަދު ބޭއްވެވި ބައްދަލު ކުރެއްވުމުގަ އެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގައި އަލިފުށި ކައުންސިލުން ވަނީ ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި އަލިފުށްޓަށް ނާންނަހައި ބޮޑު ތަރައްޤީއެއް މިދައުރުގައި އައިސްފައިވާ ކަމަށާއި މިހާރުވެސް ގިނަ މަޝްރޫޢުތަކެއް އެރަށުގައި ހިނގަމުންދާކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ.

މިގޮތުން އަލިފުށީގެ އެއާޕޯޓުގެ މަސައްކަތާއި، ފެނާއި ނަރުދަމާގެ މަސައްކަތްތައް ފަދަ ގިނަ މަޝްރޫއުތައް ހިނގަމުންދާކަން ކައުންސިލުން ފާހަގަކުރެއްވި އެވެ. އަދި މިވަގުތަށް ބޭނުން ވެފައިވާ ކަންކަން ވަނީ ހިއްސާ ކުރައްވާފަ އެވެ.

އެގޮތުން އެރަށު އިރުމަތި ފަރާތު ބަނދަރު މަރާމާތު ކުރުމާއި، ސިނާޢީ ސަރަހައްދަށް ބިން އިތުރު ކުރުމާއި، އިޖުތިމާއީ މަރުކަޒެއް އެޅުން ފާހަގަ ކުރެއްވި އެވެ. އަދި އެ ރަށުގައި އަޅާ ހޮސްޕިޓަލްގެ މަސައްކަތް އަވަސް ކުރުމަށް ބޭނުންވާކަން ފާހަގަކުރެއްވި އެވެ.

މިބައްދަލުވުމުގައި އަލިފުށީ އ.ތ.މ ކޮމިޓީގެ ފަރާތުން ވަނީ އަލިފުށީ ބޯޓުޔާޑު ސަރަހައްދުގައި އުފެދޭ ފައިބަރުކުނި ނައްތާލެވޭނެ ނިޒާމެއް ޤާއިމްކުރަން ބޭނުންވާ ކަމަށާއި އެރަށުގައި ކެންސަރުބަލި އިތުރުވެފައިވާތީ އެކަމުގެ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ހެދުމަށް ބޭނުންވެފައިވާކަން ފާހަގަކުރައްވާފަ އެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި، އަލިފުށީގައި މިހާރު ކުރިޔަށްދާ ތަރައްޤީގެ މަޝްރޫތައް ގޮސްފައިވާ ހިސާބާއި، ރޭވިފައިވާ މަޝްރޫއުތަކުގެ މަޢުލޫމާތު ކައުންސިލް މެމްބަރުންނާއި އ.ތ.މ ކޮމިޓީއާ ހިއްސާކުރެއްވި އެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުތައް ނިމިގެން ދިޔުމަށްފަހުގައި ދެން އެންމެ ބޮޑުކަމަކަށް އޮންނާނީ ޒަމާނީ ފެންވަރަށް ރަށްރަށުގެ މަގުތައް ހެދުން ކަމަށެވެ. އަދި އެއީ ރަށްރަށުގެ ތަރައްޤީއަށް މުހިއްމުކަމެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، އަލިފުށީގެ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތަކާއެކު މަޝްވަރާކުރައްވައި ކުރިޔަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވެސް ވިދާޅުވެފަ އެވެ.

މިއަދު މެންދުރު ބޭއްވި މިބައްދަލުކުރެއްވުމުގައި، ރައީސްގެ އަރިހުގައި ވަޑައިގެންނެވި ސަރުކާރުގެ ވަފުދުގައި ހިމެނޭ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.