ހުޅުމާލޭގެ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ބޭނުންވާ މުހިންމު ބައެއް ސާމާނު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މުވައްޒަފުން ހަދިޔާކޮށްފި އެވެ.
މީރާގެ މުވައްޒަފުން ކޮންމެ އަހަރަކު ވެސް ހިންގަމުންދާ އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 56،300 ރުފިޔާގެ ތަކެތި ހަދިޔާ ކޮށްފައިވާ ކަމަށް މީރާއިން މައުލޫމާތު ދެއްވަ އެވެ.
މީރާ އިން ވިދާޅުވެފައިވަނީ މި ތަކެތި ހަދިޔާ ކުރުމަށް ފިޔަވަތީގައި ބޭއްވި މި ހަރަކާތުގައި މީރާގެ މުވައްޒަފުން ވަނީ ފިޔަވަތީގައި ތިބި ކުދިންނާއެކު، އެކި ކުޅިވަރުތައް ހިމެނޭ ގޮތަށް، އުފާވެރި ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މީރާގެ މުވައްޒަފުން މި ފަދަ ހަރަކާތްތަކަށްދޭ އަހައްމިއްޔަތުކަން ފާހަގަކުރައްވާ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އަސްމާ ޝަފީއު ވަނީ މިފަދަ ހަރަކާތްތަކަކީ މީރާގެ މުވައްޒަފުންގެ އަމިއްލަ ޖީބުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކެއްކަން ފާހަގަ ކުރައްވާފަ އެވެ. އަދި ފިޔަވަތީގެ މުވައްޒަފުން ކުރައްވާ މުހިންމު އަދި ބުރަ މަސައްކަތް ފާހަގަކުރައްވައި އެ ބޭފުޅުންނަށް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ފިޔަވަތީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޒީނާ ގާސިމްގެ ވަނީ މީރާގެ މުވައްޒަފުންގެ ފަރާތުން ކޮންމެ އަހަރަކު ވެސް ފިޔަވައްޗަށް ދެމުން ގެންދާ އެހީ ފާހަގަކޮށް މީރާގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި، ފިޔަވަތީގެ ކުދިންގެ ފަރާތުން މީރާއަށް ވަނީ އެ ކުދިން އަމިއްލައަށް ތައްޔާރުކޮށްފައިވާ ޚާއްސަ ހަދިޔާއެއް ހަވާލުކޮށްފަ އެވެ.
މީރާއަކީ ކޮންމެ އަހަރަކު ވެސް މި ފަދަ އިޖްތިމާއީ ހަރަކާތްތައް ރާވައި ހިންގުމުގެ އިތުރުން، އެހެނިހެން ފަރާތްތަކުން ވެސް ރާވައި ހިންގާ މި ފަދަ ހަރަކާތްތަކުގައި ބައިވެރިވަމުން ގެންދާ މުއައްސަސާއެކެވެ.
މި ހަވީރުގައި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަސްމާ ޝަފީޢުގެ އިތުރުން މީރާގެ ގިނަ މުވައްޒަފުން ބައިވެރިވެފައި ވެއެވެ. އަދި ފިޔަވަތީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޒީނާ ގާސިމްއާއި ފިޔަވަތީގެ މުވައްޒަފުން ބައިވެރިވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!