ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް ޔާމީން އަބުދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއްގެ ވަސްފޯރާފަށުގައި ވެސް އިދިކޮޅު ބަޔަކު ޖަލްސާ ބޭއްވިޔަނުދޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ކެމްޕެއިން ފުރަތަމަ ޖަލްސާ ރޭ އެމްޑީޕީގެ ހަރުގޭގައި ކުރިއަށް ދިޔަ ވަގުތު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވެސް ވަނީ އެމްޑީޕީގެ ހަރުގެ ހުންނަ ދިމާ އާޓިފިޝަލް ބީޗަށް ރޭ އެއްވެ ސިޔާސީ ހަރަކާތް ހިންގާފައެވެ. މިގޮތުން އެތަނުގައި ތިބެ ޖަލްސާ ބާއްވާފަވެއެވެ.

Ad
rt

ރައީސް ޞާލިޙްގެ ކެމްޕޭން ޖަލްސާ ލައިވް ކުރަމުން ދިޔަވަގުތު، އިދިކޮޅު ޖަލްސާގެ އަޑު ވަރަށް ރަނގަޅަށް އިވެއެވެ. ރައީސް ޞާލިޙްގެ ކެމްޕޭން ޖަލްސާއަށް އުނދަގޫވާ ހިސާބުގައި އިދިކޮޅުން ޖަލްސާ ބޭއްވި ނަމަވެސް އެ ޖަލްސާ ހުއްޓުވަން ރައީސް ޞާލިޙްގެ ފަރާތްޕުޅުން އެއްވެސް ކަމެއް ކޮށްފައިނުވާއިރު، އެ ޖަލްސާ ކުރިއަށް ގެންދަން ވަނީ ޖާގަ ދެއްވާފައެވެ.

މިކަން ފާހަގަކުރައްވަމުން މި ސަރުކާރު ހިންގާ އިއްތިހާދުގެ އެއް ބައިވެރިޔާ، އަދާލަތުގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިދިކޮޅު ކޯލިޝަންގެ ޖަލްސާ މަގުގެ އަނެއް ފަޅީގައި މިނިވަންކަމާއެކު ބޭއްވުމުގެ ފުރިހަމަ ފުރުސަތު ދީގެން ރައީސަކު ޖަލްސާ ކުރިއަށް ގެންދިޔުމުން ފެނިގެން ދިޔައީ ރައީސް ޞާލިޙްގެ ކެތްތެރިކަމާއި ހިތްވަރު ގަދަކަން ކަމަށެވެ. އަދި ހަމަހަމަ ފުރުސަތު ދީގެން މަސައްކަތް ކުރުމުގެ ގާބިލިއްޔަތު ހުރި މިންވަރު ކަމަށެވެ.

''ހަމަޔަގީނުން ވެސް ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއްގެ ވަސްފޯރާފަށުގައި ވެސް އިދިކޮޅު ބަޔަކު ޖަލްސާ ބާއްވަން ފުރުސަތު ނުދެއްވާނެކަން ޕީޕީއެމް ބޭފުޅުން ވެސް ޤަބޫލުފުޅު ކުރަށްވާނެ'' އިމްރާން ވިދާޅުވެފަވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ކެމްޕެއިން ޖަލްސާ ހިނގަމުން ދިޔައިރު އެ ޖަލްސާއަށް އުނދަގޫވާ ހިސާބުގައި އިދިކޮޅުން ރޭގައި ސިޔާސީ ހަރަކާތް ހިންގާފައިވާއިރު މިއީ ރާއްޖޭގައި މިހާ ކައިރީގައި ބޮޑު ސިޔާސީ ދެ ޕާޓީއަކުން މިފަދަ ސިޔާސީ ހަރަކާތެއް މިގޮތަށް ހިންގި ފުރަތަމަ ފަހަރުކަމަށް ބެލެވޭއިރު، މި ހަރަކާތްތަކާއި ގުޅިގެން އެއްވެސް ހަމަނުޖެހުމެއް ވެސް ހިނގާފައެއް ނުވެއެވެ.