ތާރީޚަށް މާލީ ރިޕޯޓު ހުށަ ނޭޅި ކަމަށްބުނެ އިލެކްޝަން ކޮމިޝަން (އީސީ) އިން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ޖޫރިމަނާކޮށްފައި ވަނީ ޤާނޫނާއި ޚިލާފަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.
މާލީ ރިޕޯޓް ހުށަހަޅަންޖެހޭ ގޮތަށް، ހުށަހަޅަންޖެހޭ ތާރީޚަށް އީސީއަށް ހުށަހަޅާފައި ނުވާތީ ހަތް ޕާޓީއެއް، އެއިން ކޮންމެ ޕާޓީއެއް 20،000 ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާކަން އީސީން ހާމަކުރެއްވީ ހުސްވި ޑިސެމްބަރ މަހުގެ 29 ވަނަ ދުވަހުއެވެ. މާލީ ރިޕޯޓްގެ މައްސަލާގައި އީސީން ޖޫރިމަނާކޮށްފައި ވަނީ އެމްއާރުއެމްގެ އިތުރުން ޢަދާލަތު ޕާޓީ، ޑީއާރުޕީ، އެމްއެންޕީ، ޕީއެންސީ، އެމްއެސްއެލްޑީޕީ އަދި އެމްޓީޑީ އެވެ.
މި ޖޫރިމަނާއާއި ގުޅިގެން އެމްއާރުއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އީސީން އެ ޕާޓީ ޖޫރިމަނާކޮށްފައި ވަނީ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހަޅާފައި ނެތް ކަމަށް ބުނެފަކަމަށެވެ. އެ ޕާޓީ އަކީ 2019 ވަނަ އަހަރުގެ ނޮވެމްނަރު 20 ވަނަ ދުވަހު ރަޖިސްޓަރީ ކޮށްފައިވާ ޕާޓީއެއްކަމުން އެ އަހަރުގެ 42 ދުވަހު ހިސާބު 2020 ވަނަ އަހަރުގެ ހިސާބާއެއްކޮށް ހުށަހެޅުމުގެ ހުއްދަ އަށް އީސީގައި އެދުނު ކަމަށް އެ ޕާޓީން ބުންޏެވެ.
އެގޮތަށް އެދިފައި ވަނިކޮށް ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އާންމު ނުރައްކަލުގެ ކުއްލި ނުރައްކަލުގެ ޤާނޫނެއް 22 ސެޕްޓެމްބަރު 2020ގައި ވުޖޫދުވިކަމަށާއި، އެ ޤާނޫނުގައި "މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ވަކި ގާނޫނެއްގައި ވަކި ކަމެއްކުރުމަށް މުއްދަތެއް ނުވަތަ ތާރީހެއް ކަނޑައެޅިފައިވާ ހާލަތުގައި، އަދި އެ ގާނޫނެއްގައި ބަޔާންކުރާ މުއްދަތު ނުވަތަ ތާރީހު ދިމާވަނީ، މި ގާނޫނުގެ ތިން ވަނަ މާއްދާގައި ބަޔާން ކުރާ މުއްދަތާ ކަމުގައިވާނަމަ، އެކަން ކުރުމަށް އެ ގާނޫނަކުން ކަނޑައެޅިފައިވާ މުއްދަތައް ނުވަތަ ތާރީހަށް އަމަލުކުރުން، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު މެދުކެނޑުނީ." މިފައިން ބަޔާންކޮށްފައި އޮންނަކަމަށް އެމްއާރުއެމުން ބުނެފަވެއެވެ.
އާންމު ނުރައްކަލުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 20/2020 ގެ މި މާއްދާއަށް ރިއާޔަތްކޮށް އެ ޕާޓީން ބުނެފައި ވަނީ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހެޅުމަށް އެ ގާނޫނުން ފަސްކުރެވިފައިވާ ކަމަށެވެ. އަދި އެ ޕާޓީ އިން 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު، 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ އެކު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުގެ ކުރިން، 31 މާރިޗު 2021 ގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށެވެ.
އެ ޕާޓީން އެ ގޮތަށް ޢަމަލުކޮށްފައި ވަނިކޮށް، އެ ޕާޓީން 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަނާޅާ ކަމަށް ބުނެ، ޖޫރިމަނާކުރި ކަމަށް އަންގާ، 29 ޑިސެމްބަރ 2022 ގައި ފޮނުއްވާފައިވާ ސިޓީ އާއި އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް ޓުވިޓާގެ ޒަރީއްޔާއިން ސޯޝަލްމީޑިއާއަށް މިކަން ހާމާކުރައްވާފައިވާ ޓުވީޓަކީ އިލެކްޝަންސް ކޮމިޝަނުން ކަންކަން ބައްލަވަންޖެހޭ މިންވަރަށް ނުބަލާ ކޮށްފައިވާ ކަމެއް ކަމަށް ދެކޭކަމަށް އެމްއާރްއެމްއިން ބުންޏެވެ.
''އެހެންކަމުން މި ޕާޓީ 20 ހާސް ރުފިޔާއިން ޖޫރިމަނާކޮށްފައި ވަނީ ޤާނޫނާއި ޚިލާފަށް ކަމަށް މި ޕާޓީން ދެކެމެވެ. އަދި އިލެކްޝަން ކޮމިޝަންގެ މިނިންމުން މުރާޖާ ކޮށްދެއްވުމަށް މި ޕާޓީން ގޮވާލަމެވެ.'' އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.
އެމްއާރުއެމްގެ ބަޔާނުގައި ވަނީ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ޤާނޫނުގައި ބުނާ ތާރީޚަށް އެ ޕާޓީން ހުށަހަޅާފައިވާކަން ވެސް ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!