ޑްރަގް އެންފޯސްމަންޓުން މަލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ މިއީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްކަމަށެވެ.

Ad
rt

ފުލުހުން ބުނެފައިވަނީ، އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޗަންގައި މާލޭގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނަކާއި 52 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ ދެމީހުންގެ ތެރެއިން 32 އަހަރުގެ މީހާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު 44 ބިޔަރު ދަޅު ފެނިފައިވެއެވެ. އަދި 52 އަހަރުގެ މީހާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމް.އެލްގެ 36 ފުޅި އާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓުފެވެސް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނދައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 32 އަހަރުގެ މީހާއަށް 10 ދުވަހުގެ މުއްދަތު ދީފައިވާއިރު 52 އަހަރުގެ މީހާއަށް 30 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މި ދެ މައްސަލަވެސް ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

މިފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގައި މަސްތުވާތަކެއްޗާއި ބަނގުރާ ވަނީ އާންމު ވެފައެވެ.