ގއ. ދެއްވަދޫން މަހަށް ނުކުތް ދޯންޏަކުން އެންދަމަން މޫދަށް ފޭބި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ދެއްވަދޫން މަހަށް ނުކުތް ދޯންޏަކުން އެންދަމަން މޫދަށް ފޭބި މީހެއްގެ ޚަބަރެއްނުވެގެން އެމީހާ ގެއްލިފައިވާ ކަމުގެ ރިޕޯޓު އެ އިދާރާއަށް ކޮށްފައިވާ ކަމަށެވެ. މިކަމުގެ ރިޕޯޓު އެ އިދާރާއަށް ކޮށްފައި ވަނީ މިއަދު ހެނދުނު 8:30 ހާއިރުއެވެ.
އެމީހާ ހޯދަނިކޮށް ފެނިފައި ވަނީ ދެއްވަދޫއާއި 1.5 ނޯޓިކަލް މޭލު ބޭރުންނެވެ. އަދި އެމީހާ ދެއްވަދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް އެ ރަށު ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ވިދާޅުވެފަވެއެވެ.
މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ކޮށްފައި ވަނީ ހެނދުނު 9:10 ހާއިރު ކަމަށެވެ.
''ދެއްވަދޫ މަސްކުރަނގި ދޯނިން ގއ. ވިލިނގިލި ކައިރިއަށް އެން ހިފަން މޫދަށް ފޭބި މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު 9:10 ހާއިރު އެމްއެންޑީއެފަށް ލިބިފައިވޭ، އެމީހާ ހޯދުމަށް އެމްއެންޑީއެފާއި ދެއްވަދޫގެ މީހުން ހިމެނޭގޮތަށް ކުރި މަސައްކަތުން އެމީހާ ފެނިފައިވަނީ ދެއްވަދޫ ލޯންޗަކަށް 10:37 ހާއިރު ވިލިނގިލި ދެކުނުން ގާތްގަނޑަކަށް 1.5 ނޯޓިކަލް މޭލު ބޭރުން ފެން މަތީގައި ވަނިކޮށް'' އެމްއެންޑީއެފުން ވިދާޅުވެފަވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ނިޔާވެފައި ވަނީ ދެއްވަދޫ، ވައިމަތީގެ އަހްމަދު ރަޝީދު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!