މަރުގެ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަރުގެ މައްސަލައެއްގެ ތުހުމަތުގައި ގދ. ތިނަދޫ/މަނާރު، މުހައްމަދު ނިޒާމް، (އ45) ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
''އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މަރުގެ މައްސަލައަކާއި ގުޅިގެން'' ފުލުހުން ވިދާޅުވެފަވެއެވެ.
މުހައްމަދު ނިޒާމް އަކީ ތެޔޮ ބޯޓެއްގައި ފުރައިގެން ގޮސްފައިވަނިކޮށް ގެއްލިގެން ހޯދަމުން ދަނިކޮށް މިއަދު ފެނުނިފައިވާ މީހަކެވެ. އޭނާ އާއިއެކު ގެއްލިގެން ދެން ހޯދަމުން ދިޔައީ ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން (35އ) އެވެ.
އެ ދެ އެމީހުން ތެޔޮ ބޯޓެއްގައި ފުރާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އަދި މި ދެ މީހުންގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޑިސެމްބަރު 29 ވަނަ ދުވަހުގެ ވަގުތެއްގައެވެ. ހަމަ އެދުވަހު ދެ މީހުން ދަތުރުކުރި ތެޔޮބޯޓު، އެއާޕޯޓު ނެރުކައިރިން އޮޔާދަނިކޮށް ވަނީ ފެނިފައެވެ. ނަމަވެސް އެ ބޯޓުގައި އެއްވެސް މީހަކު ނެތެވެ.
ނިޒާމް ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ މާލޭގައި ހުރި ކަމަށްބުނެ އާންމުންގެ މީހަކު އިއްޔެ ވަނީ ފޮޓޯއެއް ވެސް އާންމުކޮށްފައެވެ. އާންމުންގެ މީހާ އޭނާގެ ފޮޓޯ އާންމުކޮށްފައި ވަނިކޮށް ފުލުހުން މިއަދު ވަނީ އޭނާ މާލޭގެ ގެސްޓް ހައުސްއެއްގައި ހުއްޓައި ފެނިފައިވާކަމަށް ވިދާޅުވެފައެވެ.
މަރުގެ މައްސަލައެއްގެ ތުހުމަތުގައި ނިޒާމް ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކުރެއްވީ އޭނާ ފެނުނުކަން ހާމަކުރެއްވިތާ ގަޑިއެއްހާއިރުފަހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!