ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ކުރާ ދައުވާގައި، މިދިޔަ އަހަރު ލީކުވި ޕެންޑޯރާސް ޕޭޕާސްއިން ހާމަވި މައުލޫމާތުތަކެއް ދައުލަތުން ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅައިފި އެވެ.

ވ. އާރަށް މައްސަލާގައި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ހަފުތާގައި އިއްވި ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ އެވެ.

Ad
rt

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނިގޮތުގައި އެ މައްސަލާގައި އާ ހެކިތަކެއް ހުށަހެޅުމުގެ ފުރުސަތަކަށް އެދި ކޯޓަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. އެއީ ފުއްގިރި މުއާމަލާތާ ގުޅިގެން ޕެންޑޯރާ ޕޭޕާސްއިން ލީިކުކުރި މައުލޫމާތުތަކެއް ކަމަށް ދައުލަތުން ބުންޏެވެ.

ޕެންޑޯރާ ޕޭޕާސްއަކީ ވަރަށް ގިނަ ގައުމުތަކުގެ ރައީސުންނާއި ސިޔާސީ ބޭފުޅުންނާ ގުޅުންހުރި ކޮރަޕްޝަންގެ ގިނަ މައުލޫމާތުތަކެއް ލީކުކުރި ބޭރުގެ ނޫސްވެރިންގެ ޖަމާއަތެކެވެ. އޭގެ ތެރޭގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އާއި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ ފަދަ ބޭފުޅުން ވެސް ހިމެނެ އެވެ.

ޔާމީންގެ ފަރާތުން ވެސް ވަނީ އެ މައްސަލާގައި އާ ހެކިތަކެއް ހުށަހެޅުމުގެ ފުރުސަތަކަށް އެދިފަ އެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އާ ހެކިތައް ހުށަހެޅުމުން އެ ހެކިތަކަށް ބެލުމަށްފަހު އެ ހެކި ބަލައިގަތުމާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

އެ މައްސަލާގައި ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ގެ ސަން އިންވެސްޓްމަންޓް ކުންފުންޏާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ވެސް ކުރެ އެވެ.

މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ ވެސް ދައުލަތުން ކުރެ އެވެ.

ގާޒީ ނަދީމް އެ މައްސަލަ ބެލުމާ މެދު ދައުވާލިބޭ ޔާމީނާއި ކްރިކް ރިޒާގެ ފަރާތުން އިއުތިރާޒްކުރި އެވެ. އެއީ ނަދީމް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރައްވާފައިވާތީ އާއި މި މައްސަލާގައި ހެކިވެރިއަކަށް އަދީބު ހިމެނޭތީ އެވެ.

ގާޒީ ނަދީމް ވިދާޅުވީ އަދީބުގެ ވަކީލަކަށް އޭނާ މަސައްކަތް ކުރެއްވީ ހަތް އަހަރު ކުރިން ބަންދު މައްސަލައެއްގައި އެކަނި ކަމަށެވެ. އެކަމަކު ވަކީލުން މިހާރު އެކަން ފާހަގަ ކުރާތީ އެކަން އިތުރަށް ބެލުމަށްފަހު އެކަމާ މެދު ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވި އެވެ.