ވިލިމާލެއިން، ތެޔޮ ބޯޓެއްގައި ފުރި ދެ މީހެއްގެ ޚަބަރެއް ނުވެގެން އެ މީހުން ހޯދަމުން އަންނައިރު، އެ ދެ މީހުންގެ ތެރޭގައި ހިމެނޭ ދިވެހި މީހާ ފެނިފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ވިލިމާލެއިން، ތެޔޮ ބޯޓެއްގައި ފުރި ދެ މީހެއްގެ ޚަބަރެއް ނުވެގެން އެ މީހުން ހޯދަމުން އަންނަކަމަށް ފުލުހުން ވިދާޅުވީ މިދިޔަ މަހު 31 ވަނަ ދުވަހުގެ ރެއެވެ.
ގެއްލިގެން ހޯދަމުން ދިޔައީ މުޙައްމަދު ނިޡާމް (45އ)، ގދ. ތިނަދޫ / މަނާރު، އަދި ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން (35އ) އެވެ.
އެ ދެ އެމީހުން ތެޔޮ ބޯޓެއްގައި ފުރާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އަދި މި ދެ މީހުންގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޑިސެމްބަރު 29 ވަނަ ދުވަހުގެ ވަގުތެއްގައެވެ.
ފުލުހުންގެ ޚިދުމަތުގެ ފަރާތުން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ގެއްލިގެން ހޯދަމުން ދިޔަ މުޙައްމަދު ނިޡާމް (45އ)، ގދ. ތިނަދޫ / މަނާރު، މިހާރު ފެނިފައިވާ ކަމަށެވެ. އޭނާ ފެނިފައި ވަނީ މާލޭގެ ގެސްޓް ހައުސްއެއްގައި ހުއްޓައެވެ.
''މީހާގެ ހާލު ރަނގަޅު'' ފުލުހުން ވިދާޅުވެފައެވެ.
ގެއްލިގެން ހޯދަމުން ދިޔަ ދެ މީހުން ދަތުރުކުރި ތެޔޮބޯޓު، އެއާޕޯޓު ނެރުކައިރިން އޮޔާދަނިކޮށް ފެނިފައިވާ ކަމަށް ޖެނުއަރީ 1 ވަނަ ދުވަހު ފުލުހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ދުވަހު ފެނުނީ ހުސް ބޯޓެވެ.
އެ ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް، މިއަދު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވި މުޙައްމަދު ނިޡާމް، މާލޭގައި ހުރި ކަމަށްބުނެ އާންމުންގެ މީހަކު އިއްޔެ ވަނީ ފޮޓޯއެއް ވެސް އާންމުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!