ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދީނީ މަޢުލޫމާތު ދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ކޮށްފައި ވަނީ ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލީ ފާއިޒު، އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އާއެކު ބޭއްވި ބައްދަލު ކުރެއްވުމުގަ އެވެ.
ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު ނުވަތަ ސޯސަންވިލާގައި ހުކުރު ކުރުމަށްޓަކައި، އިސްލާމިކް މިނިސްޓްރީން ނެރުއްވާ ޚުތުބާ، ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާގުޅޭ ގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކޮށްފަވެއެވެ.
މީގެ އިތުރުން އެގައުމުގައި ދިރިއުޅޭ ދިވެހިންނަށް ޚާއްސަކޮށް ޤުރުއާން ކޯސްފަދަ ކޯސްތައް ހިނގޭނެ ގޮތްތަކާއިބެހޭ ގޮތުން ވެސް މަޝްވަރާ ކޮށްފަވެއެވެ.
ސަފީރު އެދިވަޑައިގެންނެވި ފަދައިން، މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން އިސްލާމްދީން ފެތުރުމާއި، އިސްލާމްދީނުގެ މަޢުލޫމާތުތައް ފޯރުކޮށްދީ، ޤުރުއާން ކޯސްފަދަ ކޯސްތައް ހިންގޭނެ ގޮތްތަކަށް ބައްލަވާލައްވާ އެކަންކަން ކުރެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ޢަލީ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އިސްލާމީ ތަޢުލީމު ފޯރުކޮށްދީ، ދީނީ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ ދީނީ ޢިލްމުވެރިން ލަންކާއަށް ވަޑައިގެން، ލަންކާގައި ތިއްބަވާ ދިވެހިންނަށް ދަރުސް ދެއްވުންފަދަ ކަންކަން ކުރެއްވޭނެ ގޮތްތައް ބައްލަަވައި، އެގޮތަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވެސް ވިދާޅުވި އެވެ. އަދި މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަން ފަހިކޮށްދިނުމަށްޓަކައި، ސަފީރާއި ގުޅިގެން އެ މަސައްކަތްކުރިއަށް ގެންދަވާނެކަމަށް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!