"ރަންތާޖު" ޤުރްއާން މުބާރާތުގެ ނަމުގައި ރާއްޖޭގައި މިހައިތަނަށް ބާއްވާ އެންމެ އަގުބޮޑު މުބާރާތް ލޯންޗުކޮށްފި އެވެ.
ޔޫތް މިނިސްޓްރީ، އިސްލާމިކް މިނިސްޓްރީ އަދި ރާއްޖެ ޓީވީ ގުޅިގެން ބާއްވާ މި މުބާރާތް ލޯންޗު ކުރުމަށް ރާއްޖެ ޓީވީގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އަދި މި ރަސްމިއްޔާތުގައި އެކަމާ ގުޅޭ ފަހުމުނާމައިގާ ތިން ފަރާތުން ވަނީ ސޮއިކޮށްފަ އެވެ.
މި ފަހުމުނާމައިގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އަޙުމަދު މަހްލޫފް އެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ސޮއިކުރެއްވިއިރު، ރާއްޖެ ޓީވީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ސީއޯއޯ ނާޒްމީ ސައީދެވެ.
މިއަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ބާއްވާ މި މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާއިރު، މުބާރާތަށް ބައިވެރިން ހޮވާނީ ރާއްޖޭގެ 10 ސަރަހައްދެއްގައި ބާއްވާ އޮޑިޝަންތަކުން ނެވެ. މި އޮޑިޝަންތައް މި ޖެނުއަރީ މަހުގެ 15 އިން އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.
މި އޮޑިޝަންތައް ކުރިއަށް ގެންދާނީ އައްޑޫ ސިޓީ ހިތަދޫ، ފުވައްމުލައް ސިޓީ، ގދ. ތިނަދޫ، ލ. ގަން އަދި ދ. ކުޑަހުވަދޫ ގަ އެވެ. އަދި އއ. ރަސްދޫ، ބ. އޭދަފުށި، ށ. ފުނަދޫ، ހދ. ކުޅުދުއްފުށި ސިޓީ އަދި މާލެ ސިޓީ ގައި ވެސް އޮޑިޝަން ބާއްވާނެ އެވެ. މި އޮޑިޝަންތަކަށްފަހު މުބާރާތަށް ނޮމިނޭޓް ވާނީ 20 ބައިވެރިން ނެވެ.
މި އަހަރުގެ މުބާރާތް، އުމުރުން 16 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނަށް ހުޅުވާލާފައިވާއިރު، ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ އާންމުކޮށް ހުޅުވާލާފަ އެވެ.
އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް RT ސްޕޭސް, ފުރިހަމަ ނަން, އުމުރު, އައިޑީ ނަންބަރު, އޮޑިޝަން ހަދަން ބޭނުންވާ ސަރަހައްދު ޖެހުމަށްފަހު 450 އަށް ފޮނުއްވުމަށް ވަނީ އެދިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!