ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ޕްރިމިއާ ލީގު މެދު ކަނޑާލި އިރު ވެސް ފޯމު ދައްވެފައިވާ ޓޮޓެންހަމުން ވޯލްޑް ކަޕަށް ފަހު ކުޅުނު ފުރަތަމަ މެޗުން ވެސް ބަލިވެ އެ ޓީމްގެ ކޯޗުގެ މަގާމުގައި ހުރި އެންޓޯނިއޯ ކޮންޓޭއަށް ޕްރެޝަރ ބޮޑުވެއްޖެއެވެ.

މިރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ވަނީ އެސްޓަންވިލާ އަތުން 2-0 ގެ ނަތީޖާއިން ބަލިވެފައެވެ.

Ad
rt

ޓޮޓެންހަމުން އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވިފައި ވަނީ އެންމެ ދެ މެޗުންނެވެ. މިރޭ ޓޮޓެންހަމް އަތުން މޮޅުވި އެސްޓަން ވިލާގެ ކޯޗުކަމާއި އުނާއީ އެމެރީ ހަވާލުވިފަހުން އެ ޓީމުން އަންނަނީ ރަނގަޅު ކުޅުމެއް ދައްކައި ރަނގަޅު ނަތީޖާތަކެއް ވެސް ނެރެމުންނެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ވިލާއަށް ފުރަތަމަ ލަނޑު ޖަހައިދީފައި ވަނީ ބުއެންޑިއާއެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ ވަޓްކިންސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.

މެޗުގައި ވިލާއަށް ލީޑު ފުޅާ ކޮށްދީފައި ވަނީ، 73 ވަނަ މިނެޓުގައި ޑަގްލަސް ލުއިޒްއެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްފައި ވަނީ ޖޯން މެކްގިން ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.

އާޖެންޓީނާ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގައި މުހިންމު ދައުރެއް އަދާކުރި އެސްޓަން ވިލާގެ ގޯލްކީޕަރ މާޓިނޭޒް މި މެޗުގައި އިނީ ބެންޗުގައެވެ. އޭނާ މި މެޗުގައި ބޭނުން ކޮށްފައި ނުވެއެވެ.

ޓޮޓެންހަމްގެ ނަތީޖާތައް ދައްވެ ގަދަ ހަތަރެއްގެ ރޭހުން ވެސް ވެއްޓިފައިވާ މި ދަނޑިވަޅުގައި، މިރޭ މެޗު ނިމުނު ވަގުތު ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށް އަޑުގަދަ ކޮށްފައެވެ. ނަތީޖާތަށް ދަށްވުމުން ކޯޗް ކޮންޓޭއަށް ވެސް ވަނީ އިތުރު ޕްރެޝަރާއި ކުރިމަތިލާން ޖެހިފައެވެ.

މި ބައްޔާއިއެކު މިވަގުތު ޓޮޓެންހަމް އޮތީ ޕޮއިންޓް ތާވަލުގެ 5 ވަނާގައެވެ. އެ ޓީމަށް 17 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނާގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ ޓޮޓެންހަމްއަށް ވުރެ އެއް މެޗު މަދުން ކުޅެ ދެ ޕޮއިންޓްގެ ލީޑެއްގައެވެ. މެޗުން މޮޅުވި އެސްޓަން ވިލާ މިވަގުތު އޮތީ ތާވަލުގެ 12 ވަނާގައެވެ. އެ ޓީމަށް 17 މެޗުން ލިބިފައި ވަނީ 21 ޕޮއިންޓެވެ.