‏އައު އަހަރު ފާހަގަ ކުރުމަށް ރޭ ހުޅުމާލޭގައި ބޭއްވި މިއުޒިކް ޝޯ އަށް 20000 އާއި ގާތްކުރާ އަދަދަކަށް މީހުން ދިޔަ ކަމަށާއި، ރާއްޖޭގައި މިޔުޒިކް ކުޅެ އަދި އަޑުއަހާލަން ބޭނުންވާ މީހުންނަށް ވެސް އެފުރުސަތު އޮންނަންވާނެ ކަމަށް ކުޅިވަރާއިބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

އައު އަހަރަށް މަރުހަބާ ކިޔުމަށް ހުޅުމާލޭގައި ރޭ ހަވާ ވެސް އަރުވާފައިވާއިރު، އައު އަހަރު ފާހަގަ ކުރުމަށް ރޭ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ވަނީ މިއުޒިކް ޝޯއެއް ބާއްވާފައެވެ.

Ad
rt

އެ ޝޯގެ ބައެއް ފޮޓޯ މީސް މީޑިއާގައި ހިއްސާކުރައްވަމުން މަހްލޫފް ވިދާޅުވީ ރާއްޖޭގައި ވެސް މިޔުޒިކް ކުޅެ އަދި އަޑުއަހާލަން ބޭނުންވާ އެތައްހާސް ރައްޔިތުންނެއް އުޅޭކަމީ ހަގީގަތް ކަމަށެވެ.

''އެފުރުސަތު އެރައްޔިތުންނަށްވެސް އޮންނަންވާނެ، ‏ރޭގެ ޝޯވް ބަލާލަން 20000 އާއި ގާތްކުރާ އަދަދަކަށް ހުޅުމާލެ ޓްރެކް އެއްކޮށް ފުރާލި.'' މަހްލޫފް ވިދާޅުވިއެވެ.

މި ޝޯ ގައި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕައުނީ ޕާންޑޭ ވެސް ވަނީ ބައިވެރިވެފައެވެ.. ޕައުނީ ޕާންޑޭގެ އިތުރުން ހަބޭސް ބޮޑުބެރު ގްރޫޕް، ހަބޭސް ފިއުޝަން އަދި ހަބޭސް ލެވިޓޭޝަން ވެސް ބައިވެރިވިއެވެ.

ރޭގެ ޝޯ ބަލަން ގިނަ ބަޔަކު ދިޔައިރު އެންމެ ގިނަ މީހުން ޖަމާވީ ހަވާ އަރުވާ މަންޒަރު ބަލައިލަން ކަމަށް އެ ސަރަހައްދަށް ދިޔަ ބައެއް މީހުން ބުނެފަވެއެވެ.