ވިލިމާލެއިން، ތެޔޮ ބޯޓެއްގައި ފުރި ދެ މީހެއްގެ ޚަބަރެއް ނުވެގެން އެ މީހުން ހޯދަމުން އަންނައިރު، އެ ދެ މީހުން ދަތުރުކުރި ތެޔޮބޯޓު، އެއާޕޯޓު ނެރުކައިރިން އޮޔާދަނިކޮށް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ގެއްލިގެން ހޯދަމުން ދަނީ، މުޙައްމަދު ނިޡާމް (45އ)، ގދ. ތިނަދޫ / މަނާރު، އަދި ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން (35އ) އެވެ.

Ad
rt

އެ ދެ އެމީހުން ތެޔޮ ބޯޓެއްގައި ފުރާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކަމަށެވެ. އަދި މި ދެ މީހުންގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޑިސެމްބަރު 29 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.

''ދެ މީހުން ދަތުރުކުރި ތެޔޮބޯޓު، އެއާޕޯޓު ނެރުކައިރިން އޮޔާދަނިކޮށް ޑިސެމްބަރ 29 ވަނަ ދުވަހު ފެނިފައިވޭ، ބޯޓުން ދަތުރުކުރީ އެ ދެ މީހުން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވޭ'' އެ ހާދިސާއާއިގުޅޭ އަޕްޑޭޓް ދެއްވަމުން ފުލުހުން މިއަދު ވިދާޅުވެފަވެއެވެ.

އެ ބޯޓު ފެނުނު ނަމަވެސް އެ ބޯޓުގައި ދަތުރުކުރި ދެ މީހުން އަދިވެސް ފެނިފައެއް ނުވެއެވެ.

އެހެންކަމުން މި ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރައްވަމުން ގެންދަވާއިރު، މި ދެ މީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިނަށް 3322111 އަށް ނުވަތަ އެ އިދާރާގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ 9911099 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އެދިލައްވައެވެ.