ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ ރަސްމީ ލޯގޯ އިފްތިތާހް ކޮށްފިއެވެ.

ނޮޅިވަރަންފަރު ކައުންސިލުގެ އަހަރީ ހަފްލާ މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ރަށު ޕްރީސްކޫލުގައި ބާއްވާފައިވާއިރު، އެ ހަފްލާގައި ވަނީ އެ ކައުންސިލުގެ ލޯގޯއާއި ސްޓާފް ކާޑުގެ އިތުރުން ރަސްމީ ޔުނީފޯމް ވެސް އިފްތިތާހް ކޮށްފައެވެ.

Ad
rt

މީގެ އިތުރުން އެ ކައުންސިލަށް ޚިދުމަތްކޮށް ރިޓަޔަރ ކުރައްވާފައިވާ ފަރާތްތަކަށާއި، ސަރުކާރަށް ޚިދުމަތް ކުރައްވާ ރިޓަޔަރ ކުރައްވާފައިވާ ފަރާތްތަކުގެ އިތުރުން އެ ކައުންސިލަށް ވިހި އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަންކޮށް އެ ޚަފްލާގައި ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.

ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ ރަސްމީ ލޯގޯ ފަރުމާ ކޮށްފައި ވަނީ އެ ކައުންސިލުގެ މުވައްޒަފުންނެވެ. އެ ކައުންސިލުން ވަނީ ލޯގޯއިން ރަމްޒުކޮށްދޭ ތަފްސީލީ މާނަ ވެސް އާންމު ކޮށްފައެވެ.

ލޯގޯއިން ރަމްޒު ކޮށްދޭ ކަންކަމުގެ ތަފްސީލް

ލޯގޯގެ ވައްބޮޅު ތެރޭގައިވާ ފަތްކޮޅުން ރަމްޒުކޮށްދެނީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަން ކުރެއްވުމަށް ފަހު އައްސުލްތާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާއްދީއްތަ މަހާރަދުން، ދިވެހިރާއްޖޭގެ ސިންގާސަނާގައި ރެދެލި ކުރެއްވުމަށްފަހު، އުތުރު ބޮޑުތިލަދުންމަތީގެ ވާރުވެރިކަން ނޮޅިވަރަންފަރަށް ދެއްވުމުގެ ގޮތުން މޫސާ އެދުރު ކަލޭފާނަށް ދެއްވި ވާރު ފަތްކޮޅެވެ. މީގެ ހަތަރުސަތޭކަ އަހަރު ކުރިން ދެއްވި ފަތްކޮޅާއިއެކު އުތުރުގެ ވާރުވެރިކަން އަތޮޅުވެރިކަމަށް ބަދަލުވުމަށް ފަހު 06 މެއި 1992 ހަމައަށް މެދުކެނޑުމެއްނެތި ވެރިކަން ކުރަމުން ގޮސްފައި ވަނީ ނޮޅިވަރަންފަރުގައެވެ.

ލޯގޯގެ ވަށައިގެންވާ ރަންކުލައިގެ ވާފަށުން ރަމްޒުކޮށްދެނީ، ނޮޅިވަރަންފަރުގެ ރައްޔިތުންގެ މެދުގައިވާ އެއްބައިވަންތަކަމާއި އެކުވެރިކަމާއި އަހުވަންތަކަމާއިއެކު ގުޅި ލާމެހިފައިވާ މިންވަރެވެ. މިގޮތުން ގިތާކުރެވިފައިވާ ވާފަށެއްގެ ގަތާލުންފަދަ އެކުވެރިކަމާއިއެކު މަސައްކަތްކޮށް ރަށުގެ ކުރިއެރުމަށާއި އިޖުތިމާއީ މަސްލަހަތު ދެމެހެއްޓުމަށް މަސައްކަތްކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަމެވެ.

ލޯގޯގެ އެތެރޭގައިވާ ވިލުނޫކުލަ ރަމްޒުކޮށްދެނީ ނޮޅިވަރަންފަރުގެ ގުދުރަތީ ރީތި ވިލުފަޅެވެ. ނޮޅިވަރަންފަރަކީ ޒަމާނަށް އަންނަ ބަދަލުތަކާއިއެކު ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ފެހިފަހި މުސްތަގުބަލެއް ލިބިގެންވާ ރީތި ރަށެއްކަމެވެ.