އިންޑިއާ އާއި ދިވެހިރާއްޖެ ގުޅާލާ "ޕަވަރ ޓްރާންސްމިޝަން ގްރިޑް" އެއް އެޅުމަށް ދިރާސާއެއް ކޮށްފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން "ތިލަދުން" އަށް ވަނީ މިދިރާސާ ކުރުމަށް އިންޑިޔާގެ ޓީމެއް މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރިކަން ކަށަވަރުކޮށްދެއްވާފަ އެވެ.
އިންޑިއާގެ ޔޫނިއަން މިނިސްޓްރީ އޮފް ޕަވަރ އިން ނެރުނު ރަސްމީ ބަޔާނެއްގައި އަންގާރަދުވަހު ބުނެފައިވަނީ އިންޑިއާގެ ޓެކްނިކަލް ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށް ދެގައުމުގެ ދެމެދުގައި ކަރަންޓް ޓްރާންސްމިޝަން ގްރިޑްއަކުން ގުޅާލުމަށް ޓެކްނިކަލް ސްޕެސިފިކޭޝަންތައް ދިރާސާކޮށްފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ގުޅާލުމަށް ނިންމާފައިވަނީ ލަކްޝަދީޕް މެދުވެރިކޮށް ކަމަށެވެ.
މިކަން ކުރުމަށް ނިންމާފައިވަނީ "ވަން ސަން، ވަން ވޯލްޑް، ވަން ގްރިޑް" (އޯއެސްއޯޑަބްލިޔުއޯޖީ) ގެ ދަށުންނެވެ. ޔޫނިއަން މިނިސްޓްރީ އޮފް ޕަވަރ އިން ނެރުނު އެ ބަޔާނުގައި ބުނެފައިވަނީ އޯއެސްއޯޑަބްލިޔުއޯޖީގެ ޗާޓަރު ފައިނަލްކޮށްފައިވާ ކަމަށާއި، އޯއެސްއޯޑަބްލިޔުއޯޖީގެ ސްޓިއަރިން ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.
އެގޮތުން ޓާސްކް ފޯސްއިން ވަނީ ސަރަހައްދީ ގްރިޑްތައް ގުޅުވައިލުމުގެ ޓެކްނޯ އިކޮނޮމިކް ފީސިބިލިޓީ އެއް ހަދާފަކަމަށެވެ. އޭގެ ތެރޭގައި ސައުތު އީސްޓް އޭޝިއާ، ސައުތު އޭޝިއާ، މެދުއިރުމަތި (ގަލްފް ކޯޕަރޭޝަން ކައުންސިލް)، އެފްރިކާ އަދި ޔޫރަޕްގެ ގައުމުތައް ހިމެނޭކަމަށް ބުނެފައިވެއެވެ. ފުރަތަމަ "ޕަވަރ ޓްރާންސްމިޝަން ގްރިޑް" އިން ގުޅާލުމަށް އަމާޒު ހިފާފައިވަނީ، ލަންކާ، މިޔަންމާ އަދި ދިވެހި ރާއްޖެ ކަމަށް ބުނެފައިވެއެވެ.
މިކަމުގެ ޚަބަރު އިންޑިއާގެ ގިނަ ނޫސްތަކެއްގައިވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.
އިންޑިއާގެ ނޫހެއް ކަމުގައިވާ އިކޮނޮމިކްޓައިމްސް.އިންޑިއަޓައިމްސްގައި މިއަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، "ވަން ސަން، ވަން ވޯލްޑް، ވަން ގްރިޑް" (އޯއެސްއޯޑަބްލިޔުއޯޖީ) އެމްއޯޔޫގައި ރާއްޖެއިން ސޮއިކޮށްފައިވަނީ އެގައުމުގެ ޕަވާ އެންޑް ނިއު އެންޑް ރިނިވަބަލް އެނާޖީ މިނިސްޓަރު ޝްރީ ރާޖް ކުމާރު ސިންގްއާ، އެންވަޔަރަމަންޓް ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ އެވެ.
ރާއްޖޭގެ އެނާޖީ ޓްރާންސިޝަން ޕްރޮގްރާމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އިއާދަކުރަނިވި ހަކަތަ ޓްރާންސްފާ ކުރުމަށް ޓްރާންސްމިޝަން އިންޓަކަނެކްޝަން އެއް ހުށަހަޅާފައިވާ ކަމަށް އިންޑިއާގެ އެމިނިސްޓްރީން އެދުވަހު ނެރުނު ބަޔާނުގައިވެ އެވެ.
ޓްރާންސްމިޝަން އިންޓަކަނެކްޝަންގެ އެމްއޯޔޫއަށް ޑްރާފްޓް އެގްރީމަންޓެއް ތައްޔާރު ކުރަމުންދާއިރު، އެ އެއްބަސްވުމުގެ ދަށުން އިންޑިއާގެ ޓެކްނިކަލް ޓީމެއް ރާއްޖެ އަށް ޒިޔާރަތްކޮށް މި މަޝްރޫއުގެ ޓެކްނިކަލް ފީސިބިލިޓީ ވަޒަންކުރާނެކަމަށްވެސް އެދުވަހު ބުނެފައިވެ އެވެ.
އޭގެ ފަހުން އިންޑިއާ އާއި ރާއްޖޭގެ އެޖެންސީތަކާ ގުޅިގެން ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓެއް (ޑީޕީއާރު) ތައްޔާރުކުރާނެ ކަމަށާއި އޭގެ ތެރޭގައި ކަނޑުއަޑީގެ ކޭބަލް ރޫޓް ސާވޭ އާއި މާލޭގައި ނެޓްވޯކް އޮގްމެންޓޭޝަން ހިމެނޭ ކަމަށް ބަޔާނުގައިވެ އެވެ.
Minister Aminath Shauna met with His Excellency Raj Kumar Singh, Minister of Power and New & Renewable Energy of India. Discussions were held on increasing cooperation in the field of renewable energy and exploring India’s proposed one grid project. pic.twitter.com/p4XjrMOvUA
— Min. of Environment, Climate Change and Technology (@MoEnvmv) April 27, 2022
މިބައްދަލު ކުރެއްވުމާއި ގުޅޭގޮތުން، އެންވަޔަރަމަންޓް ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން އެދުވަހު ބުނެފައިވަނީ އިއާދަކުރަނިވި ހަކަތައާ ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ އެ މަޝްވަރާތަކުގައި ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުން ކުރާ މިންވަރު އިތުރުކުރުމަށް އިންޑިއާއިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!