ހޭދަކުރުމުގައި އިސްރާފު ނުކުރުމަށާއި ލިބޭ މިންވަރަށް ބަލައިގެން އިގްތިސާދު ކުރުމަށް އިސްލާމް ދީން ބާރުއަޅާކަން މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށް ދީފި އެވެ.
މިއަދުގެ ހުތުބާގައި ވިދާޅުވީ މާތްﷲ، އަހަރެމެން އިންސާނުންނަށް ވަނީ އަދަދު ނުކުރެވޭހައި ގިނަ ނިއުމަތްތަކެއް ދެއްވާފައި ކަމަށެވެ. އަދި ހާއްސަކޮށް މުދަލާއި ފައިސާ އަކީ އެކަލާނގެ އިންސާނުންނަށް ދެއްވި ނިއުމަތްތަކުގެ ތެރެއިން ވަރަށް މަތިވެރި ދެ ނިއުމަތް ކަމަށެވެ.
އެކަލާނގެ އަންގަވާފައިވާ ގޮތަށް މުދަލައި ފައިސާ ހޯދުމާއި އެކަލާނގެ އަންގަވާފައިވާ ގޮތުގައި އެތަކެތި ހޭދަކުރުމަކީ ޘަވާބާއި ދަރުމަ ހުރި ކަމެއް ކަމުގައި ވެސް ހުތުބާގައި ހަނދާން ކޮށްދެއްވާފައި ވެއެވެ.
މީގެ އިތުރުން މާބޮޑަށް ދަހިވުމާއި ލިބޭއެއްޗެއް އެކީއެކަށް ހޭދަކޮށް ހުސްކޮށްލުމަކީ އިސްލާމް ދީން ބާރުއަޅާ ކަމެއް ނޫން ކަމަށް ވެސް ހުތުބާގައި ވެއެވެ.
އިސްރާފުކުރާ މީހުން ދެކެ މާތްﷲ، ލޯބިވެ ވޮޑިގެންނުވާކަން އަންގަވާފައިވާ ކީރިތި ޤުރްއާން ގެ އެތައް އާޔަތްތަކެއް ވަނީ ދަލީލުގެ ގޮތުގައި ވެސް ދައްކާފަ އެވެ. އެގޮތުން މުއުމިނުންގެ ސިފައަކީ ތިމާގެ އަތުގައިވާ އެއްޗަކުން ފުއްދައިގެން، އިގްތިސާދު ދިރިއުޅުން ކަމަށާއި ﷲ ތިމާއަށް ދެއްވި އެއްޗަކަށް ޝުކުރުވެރިވެ، ފުދިގެން ދިރިއުޅުން ކަމަށް ވެސް ހުތުބާގައި ވެއެވެ.
"ހާޖަތްތެރިން ތިމާމެންގެ ބޭނުންތައް ފުއްދުމަަށްޓަކައި ދަރަނި ނެގުމަކީ އިސްލާމް ދީން ހުއްދަ ކަމެކެވެ. ނަމަވެސް އެ ދަރަނި އަދާކުރުމަށް އަވަސްވެގަންނަން ޖެހެއެވެ. އެހެނީ އިންސާނުންގެ ދިރިއުޅުމަކީ އޭގެ މިންވަރު ކަނޑައެޅިފައިވާ އެއްޗެކެވެ. ދުނިޔޭގައި އުޅެން އޮތް ދުވަސްތަކަކީ ގުނާ އަދަދު ކުރެވޭހައި މަދު ދުވަސްކޮޅެކެވެ." ހުތުބާގައި ވިދާޅުވި އެވެ.
މީގެ އިތުރުން އެ މުއްދަތު ހަމަވުމުން އެންމެހިނދުކޮޅަކަށް ވެސް ލަހެއްފަހެއް ނުވާނެ ކަމަށާއި އެހެންކަމުން އަބަދުވެސް ހުންނަންޖެހޭނީ މީހުންގެ ހައްގުތަކާއި ދަރަނިތައް އަދާކޮށް، މަރަށް ތައްޔާރުވެގެން ކަން ވެސް ހުތުބާގައި ހަނދާންކޮށްދީފައި ވެއެވެ. އަދި ތިމާ ދުނިޔެ ދޫކޮށް ދާ ހިނދު، މީހުންގެ ދަރަނިތައް އަދާނުކޮށް ހުރުމަކީ ނުބައިކަން ބޮޑު، ނުރައްކާތެރިކަމެއް ކަމުގައި ވެސް ހުތުބާގައި ވަނީ ހަނދާންކޮށްދީފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!