ޕްރޮގްރެސިވް ކޯލިޝަނުން މާދަމާ ބާއްވާ އިހްތިޖާޖު ކުރިއަށް ގެންދިއުމަށް ފުލުހުން ހުއްދަ ދީފި ކަމަށް އެ ކޯލިޝަނުން ހާމަކޮށްފި އެވެ.
އެ ކޯލިޝަނުން މިކަން ހާމަކުރީ އިސްކަންދަރު ކޮށި ކައިރީގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
މިއީ ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަން ކުރުމަށް ގޮވައިލާ ބާއްވާ އިހުތިޖާޖެކެވެ.
އެ ކޯލިޝަނުން ބޮޑު އިހުތިޖާޖަކަށް ނުކުންނަން ނިންމާފައިވާކަން ހާމަކުރައްވާފައިވަނީ މި ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވީ މި އިހުތިޖާޖު އޮންނާނީ މި ޑިސެމްބަރ މަހުގެ 30 ވާ ހުކުރު ދުވަހުގެ ހަވީރު 4 ޖަހާއިރު ކަމަށެވެ. އަދި މި އިހުތިޖާޖު މުޅި ރާއްޖޭގައި ކުރިއަށްދާނެ ކަމަށެވެ.
މީގެ އިތުރުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަ ކުރައްވާނެ ކަމަށާއި އެމަނިކުފާނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޕީޕީއެމްގެ ލީޑަރުން އެޗްއާރްސީއެމް އާ، މާދަމާ ބައްދަލުކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެނާ ވިދާޅުވި އެވެ.
ވ. އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާއެއް ސާބިތުވުމުން ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް އިއްވާފަ އެވެ. ޖޫރިމަނާ ފައިސާ މި ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ހަ މަސް ތެރޭގައި ދައުލަތަށް ދެއްކުމަށް ވެސް ވަނީ އަންގާފަ އެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް އިއްވެވި މި ހުކުމް ދެމި އޮތްހާ ހިނދަކު، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލޭނެ އެވެ.
ދައުލަތުން އެދިފައިވަނީ ޔާމީންގެ މައްޗަށް 19 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް އިއްވައި ދިނުމަށެވެ. އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ޔާމީންގެ ވަކީލުން ދެކޮޅު ހެދި އެވެ. އެއީ އެ މަރުހަލާ އެހެން ދުވަހަކަށް ފަސްކޮށް ނުދޭތީ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!