ރާއްޖޭގެ އިގްތިސާދު ކޯވިޑް ނަވާރައިގެ ކުރިން އޮތް ހިސާބަށް އަލުން އަނބުރާ ގާތްގަނޑަކަށް މިހާރު ވާސިލް ވެވިއްޖެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އިއްޔެ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ސަރުކާރަށް ހަތަރު އަހަރު ފުރި ފަސް ވަނަ އަހަރު ގުނެމުންދާއިރު، އެމަނިކުފާނު ވެވަޑައިގަތް ވައުދުތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނިމިގެންމިދާ 2022 ވަނަ އަހަރަކީ އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު އަހަރެއްކަމަށް ވިދާޅުވެފައެވެ.
މިގޮތުން ކޯވިޑަށް ފަހު އިރުމަތީ ޔޫރަޕްގައި ފެށިގެން ދިޔަ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި އުނދަގޫތައް ހުރަސް ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުނުކަން ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖެއަށް ލިބުނު އާމްދަނީ އިތުރުވިނަމަވެސް ދުނިޔޭގެ ބާޒާރުގައި މުދަލާއި ތެލުގެ އަގު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން އިތުރަށް ފައިސާ ހޯދާންޖެހުނު ކަމަށެވެ. އެހެނަމަވެސް މުސްތަގުބަލް ފެންނަނީ އުޖާލާކޮށް ކަމަށް ވެސް ވިދާޅުވިއެވެ.
''އަހަރު ނިމިގެންދާއިރު ރާއްޖޭގެ އިގްތިސާދީ ހާލަތު ދަނީ ރަނގަޅުވަމުން، މިހާރު ރާއްޖޭގެ އިގްތިސާދު ކޯވިޑް ނަވާރައިގެ ކުރިން އޮތް ހިސާބަށް އަލުން އަނބުރާ ގާތްގަނޑަކަށް ވާސިލް ވެވިއްޖެ،'' ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، 2022 ނިމޭއިރު ރާއްޖޭގެ އިގްތިސޯދު 12.3 އިންސައްތަ ކުރިއަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި 2023 ވަނަ އަހަރަށް އިގްތިސޯދު 7.6 އިންސައްތަ ކުރިއަރާނެކަމަށް އަންދާޒާކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.
''އިގްތިސާދު ރަނގަޅުވި މައިގަނޑު ސަބަބަކީ ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވުން، ގާތްގަނޑަކަށް މިހާރު ޕްރީޕެންޑަމިކް ލެވެލަށް ފަތުރުވެރިން ރާއްޖެއާދޭ،'' ރައީސް ވިދާޅުވިއެވެ.
ކޯވިޑަށްފަހު ދުނިޔޭގެ ނިސްބަތުން އެންމެ ބާރު ދުވެއްޔެއްގައި އިގްތިސާދު ކުރިއަރާ 10 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާކަން ފާހަގަކުރަށްވައި، 2021، 2022 ވަނަ އަހަރު ދުނިޔޭގެ އެންމެ ކުރިއަރާ ދިޔަ 5 އިގްތިސޯދުގެ ތެރޭގައި ރާއްޖެ ހިމެނޭކަން އެމަނިކުފާނު ވަނީ ފާހަގަ ކުރަށްވާފައެވެ.
ރައީސް ޞާލިޙް ވިދާޅުވީ، އަންނަ އަހަރަކީ މިހާރުހުރި ގޮންޖެހުންތައް ހުރަސްކުރުމަށް އުންމީދުތަކެއް ލިބިގެންދާނެ އަހަރެއްކަމަށް ޔަގީން ކުރަށްވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!