އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗު ސިޓީން ކާމިޔާބު ކޮށްފިއެވެ.
ލީޑްސްގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ.
މެޗުގައި ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވީ ނަމަވެސް އެ ޓީމަށް ލީޑްސްގެ ގޯލު ހުޅުވާލެވޭ ވަރުވީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ރޮޑްރީއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ އެ ޓީމްގެ މަހްރޭޒް ފޮނުވާލި ހަމަލާއެއް ލީޑްސްގެ ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މެޗުގައި ސިޓީގެ ދެވަނަ ލަނޑު 51 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ހާލަންޑެވެ. ހާލަންޑް މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ ގްރީލިޝް ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.
މެޗުގެ 64 ވަނަ މިނެޓުގައި ގްރީލިޝް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ހާލްންޑް ވަނީ ލަނޑުޖަހައި ސިޓީއަށް ލީޑު ފުޅާ ކޮށްދީފައެވެ. މި ލަނޑާއިއެކު ހާލަންޑް ވެފައި ވަނީ ޕްރިމިއާ ލީގުގައި އެންމެ މަދު މެޗު ކުޅެ 20 ލަނޑު ހަމަކުރި ކުޅުންތެރިޔާއަށެވެ.
މީގެ ކުރިން މި ރެކޯޑް އޮތީ ކުރިން ލިވަޕޫލަށް ކުޅުނު ލުއިސް ސުއަރޭޒްއާއި، ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު އެންޑީ ކޯލް އަތުގައެވެ. އެ ކުޅުންތެރިން 20 ލަނޑު ޖަހާފައި ވަނީ 15 މެޗުންނެވެ. ނަމަވެސް ހާލަންޑް މި ވަނީ 14 މެޗުން 20 ލަނޑު ޖަހައި އެ ރެކޯޑް މުގުރާލާފައެވެ.
މެޗިގައި ލީޑްސް ޔުނައިޓެޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު 73 ވަނަ މިނެޓުގައި ގްރީން ވުޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޕާސްކަލް ސްޓަރްއުކްއެވެ.
މި މޮޅާއިއެކު ސިޓީ ވަނީ ޕޮއިންޓް ތާވަލުގެ ދެވަނަ އަށް ޖެހިލާފައެވެ. އެ ޓީމަށް 15 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލް އެއްވަނާގައި އޮތީ 15 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. މެޗުން ބަލިވި ލީޑްސް މިވަގުތު އޮތީ ތާވަލުގެ 15 ވަނާގައެވެ. އެ ޓީމަށް 15 މެޗުން ލިބިފައި ވަނީ 15 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!