ހ. ޝީރީންވިލާގޭގައި ތޫނުއެއްޗަކުން ޙަމަލާދީ ޝިއާއު މުހައްމަދު ސައީދު މަރާލި މައްސަލާގައި ތުހުމަތުކުރެވޭ ފ. ނިލަންދޫ, ފިނިފެންމާގެ, އަލީ ސާހިލްގެ މައްޗަށް 5 ދައުވާއެއް ކުރުމަށް ފޮނުވާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެ އެވެ.
އެ އޮފީހުން ވިދާޅުވީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 5 ވަނަ މާއްދާގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއެކު ޖުމްލަ ފަސް ދައުވާ ސާހިލްގެ މައްޗަށް އުފުލާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި އޮރިޔާން ކާޑު ގެންގުޅުމާއި ކެނެބިސް ބޭނުންކުރުމުގެ ދައުވާ ހިމެނޭ ކަމަށް އެ އޮފީހުން ވިދާޅުވިނަމަވެސް، ދެން ކޮށްފައިވާ ދައުވާތައް އާންމުންނަށް ހާމަނުކުރުމަށް ޝިއާއުގެ އާއިލާގެ ފަރާތުން އެދިފައިވާތީ އެދައުވާތައް ހާމަކުރައްވާފައެއް ނުވެއެވެ.
މިއަދުގެ ވަގުތެއްގައި ސާހިލްގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވާއިރު، އޭނާގެ ފަރާތުން ތަހުގީގަށް މާ ބޮޑު އެއްބާރުލުމެއް ނުލިބޭކަމަށް ފުލުހުން ކުރިން ވިދާޅުވިނަމަވެސް ފުލުހުންނާއި އޭނާއާމެދު މުއާމަލާތްކުރެވޭ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި އެ މައްސަލައާއި ގުޅުން ހުރި ވާހަކަތައް ދެއްކުމުގައި އޭނާގެ ފަރާތުން އެއްބާރުލުމެއް ނުލިބޭކަމަށް ވެސް ފުލުހުން ކުރިން ވަނީ ވިދާޅުވެފަ އެވެ.
ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ޝާހިލްގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރުގެ ހެކި އެބަހުރިކަމަށް ވެސް ފުލުހުން ވަނީ ކުރިން ވިދާޅުވެފަ އެވެ.
ޝިއާއު މަރާލާފައި ވަނީ މިއަހަރުގެ އޮގަސްޓު މަހުގެ 7 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ޝިއާއުގެ މަރުގެ ތުހުމަތުގައި ޝާހިލް ހައްޔަރުކޮށްފައިވާއިރު، ޝިއާއު މަރާލި ކޮޓަރި އަކީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޝާހިލް ދިރިއުޅުނު ކޮޓަރި އެވެ.
ޝިއާއު މަރުވި ސަބަބު ހޯދަން ހަށިގަނޑުގެ ޕޯސްޓްމޯޓަމް އިންޑިއާ އިން ހެދުމަށްފަހު، ރާއްޖެ ގެނެސް ފުވައްމުލައް ސިޓީ ގައި ވަނީ ވަޅުލާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!